މޫނުބުރުގާ އެޅި ރަސްދޫގެ ޓީޗަރަކު ވަޒީފާ އިން ވަކިކޮށްފި

އއ ރަސްދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރަކު މޫނުބުރުގާ އަޅައިގެން ކިޔަވައިދޭތީ މިއަދު ވަޒީފާ އިން ވަކިކޮށްފި އެވެ.


ރަސްދޫގެ ޓީޗަރަކު ވަޒީފާ އިން ވަކިކޮށްފައި މިވަނީ، މޫނުބުރުގާ އެޅި ޓީޗަރަކަށް އއ. މަތިވެރީ ސްކޫލުގައި ވެސް ކިޔަވައިދިނުމުގެ ހުއްދަ ނުދިން މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މީގެކުރިން ވެސް މޫނުބުރުގާ އަޅައިގެން ކިޔަވައިދޭ އެ ޓީޗަރަށް މޫނު ނިވާކޮށްގެން ސްކޫލުގައި ކިޔަވައި ނުދެވޭނެ ކަމަށް އަންގާފައިވަނީ މިދިޔަ އަންގާރަ ދުވަހެވެ.

އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވައިދޭ ޓީޗަރު ތަހުމީނާ މަހްމޫދަށް ސްކޫލުން ފޮނުވި ސިޓީގައި ބުނެފައި ވަނީ "ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރުކަމާ އެކު ދޭންޖެހޭ އަދި ޖަވާބުދާރީވާންޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާ މުއާމަލާތުކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭނެ ފަދަ ގޮތަކަށް" ކަމަށެވެ.

އެ ސިޓީގައި ބުނީ ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް ހެދުން އަޅަން ތަހުމީނާ އަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ ގަވާއިދާ އެއްގޮތަށް ހެދުން ނޭޅޭނެ ކަމަށް ތަހުމީނާ ބުނެފައިވާތީ، އޭނާއެކު ސްކޫލުން ހަދާފައިވާ ތިން މަސް ދުވަހުގެ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން އަމަލު ކުރަން ޖެހޭނީ އެ މީހުންނަށް ކަނޑައަޅާފައި އޮންނަ ގަވައިދާ އެއްގޮތަށް ކަމަށާއި ގަވައިދުގައި އޮންނަ ގޮތުން ކާކުކަން ނޭނގޭ ގޮތަށް ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާ އަދާ ނުކުރެވޭނެ ކަމަށެވެ.