ރ. އިނގުރައިދޫ ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ހިފައިގެން ދިޔަ ބާޖެއް ރޭ ފަރަށް އަރައިފި އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަބްުދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވީ ރަށުގެ އުތުރު ފަރާތު ފަރުމައްޗަށް އަރާފައިވާ ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިޔަވަރު ހިކުމުގެ ސަބަބުން އެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.
"ދިޔަވަރު ހިކުމުގެ ސަބަބުން މިހާރު އެ މަސައްކަތް ހުއްޓާލައިފި. އެކަމަކު ދިޔަވަރު ބޮޑުވީމަ އަނެއްކާ ވެސް މަސައްކަތް ފަށާނެ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަފާކުރެވޭ ގޮތުގައި އެ ބާޖު އައީ 3000 ޓަނުގެ ހިލަ ހިފައިގެންނެވެ.
އިނގުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްޓީސީސީންނެވެ. އެ މަސައްކަތް މެދުކެނޑިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.