އޭސީސީގެ ރައީސް ލުތުފީ އަށް ފްލެޓް ނުލިބުމުން ދައުލަތާ ދެކޮޅަށް ދައުވާކޮށްފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ނުހިމެނުމުން ފްލެޓް ހޯދަން ދައުލަތާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި އެވެ.


ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ކުރައްވާ ދައުވާ މިހާރު އޮތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގަ އެވެ. މައްސަލަ ޝަރީއަތް ހިންގާނީ އެ މަރުހަލާގައި މައްސަލަ ހައްލު ނުވެއްޖެ ނަމަ އެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ލުތުފީ އަށް ފްލެޓް ލިބިވަޑައިނުގަތީ ލުތުފީގެ އަނބިކަނބަލުންގެ ނަމުގައި މާލެއިން ގޯއްޗެއް އޮތުމުންނެވެ. އެހެންވެ، ފްލެޓަށް ލުތުފީ ޝަރުތު ހަމަނުވާ ކަމަށް ހައުސިން މިނިސްޓްރީން ނިންމާފައި ވަނިކޮށް އެކަމުގައި ކޮރަޕްޝަންގެ ކަންތައްތަކެއް ހިމެނޭ ކަމަށް ބެލެވޭތީ އެ މައްސަލަ އޭސީސީ އަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ކޮމިޝަނުން ވެސް ނިންމީ، ފްލެޓަށް ލުތުފީގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން، ހައުސިން މިނިސްޓްރީން ނިންމީ އޭސީސީން ކަނޑައެޅި ލިސްޓަށް ނުބަލައި، އެ މިނިސްޓްރީން ކަނޑައަޅާ ލިސްޓުގައި ހިމެނޭ މީހުންނަށް ފްލެޓް ދިނުމަށެވެ. ލުތުފީ އަށް ފްލެޓް ލިބިވަޑައިނުގަތީ އެހެންވެގެންނެވެ.

ވެށިފަހިން ފްލެޓް ނުލިބުމުން ލުތުފީ ދައުވާ ކުރެއްވިއިރު ރެހެންދި ފްލެޓުން ސަރުކާރަށް ލިބުނު 10 ފްލެޓްގެ ތެރެއިން ފްލެޓެއް ލުތުފީ ވަނީ ލިބިވަޑައިގެންފަ އެވެ. ލުތުފީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނަށް ވެސް އެތަނުން ފްލެޓް ލިބުނެވެ.