ބީއެމްއެލް އިން ކެންސަ ސޮސައިޓީ އަށް 30،000 ރުފިޔާ ހަދިޔާކޮށްފި

ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 30،000 ރުފިޔާގެ ފައިސާގެ އެހީއެއް މިއަދު ދީފި އެވެ.


މި އެހީ ދީފައި ވަނީ، ބީއެމްއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ކެންސަ ސޮސައިޓީ އާއި ކުޅިވަރު އެސޯސިއޭޝަންތައް ގުޅިގެން، މިއަދު ފާހަގަކުރަމުން އަންނަ ކެންސަރު ދުވަހާ ގުޅުވައިގެން ހެންވޭރު ދަނޑުގައި ބޭއްވި ކުޅިވަރު ފެސްޓިވަލްގެ ތެރޭންނެވެ.

މިއަދު ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި ބީއެމްއެލް އިން ކެންސަ ސޮސައިޓީ އަށް ދިން ފައިސާގެ އެހީ، އެ ބޭންކުގެ ސީއީއޯ އެންޑްރޫ (ކ) ރަމްޒީ ގޮތުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ބީއެމްއެލް

"#ވީކޭންއައިކޭން ސަޕޯޓް ތުރޫ ސްޕޯޓް" ޝިއާރުގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން މިއަދު ހަވީރު ބޭއްވި މި ފެސްޓިވަލްގައި، ތަފާތު 10 ކުޅިވަރު ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އެ ކުޅިވަރުތައް އިންތިޒާމްކޮށްފައި ވަނީ އެ ކުޅިވަރެއްގެ ގައުމީ އެސޯސިއޭޝަނާއި މި ހަރަކާތުގައި އެ އެސޯސިއޭޝަނެއް ސްޕޮންސަކޮށްފައިވާ ކުންފުނީގެ ފަރާތުންނެވެ.

ބީއެމްއެލް އިން ޓޭބަލް ޓެނިސް އެސޯސިއޭޝަން ސްޕޮންސަކުރިއިރު، އެ ބޭންކުން ވަނީ ބައިވެރިން ޖެހި ކޮންމެ ޓީޓީ ބޯޅައެއްގެ އަދަދަށް ކެންސަ ސޮސައިޓީ އަށް ފައިސާގެ އެހީ ފޯރުކޮށް ދީފަ އެވެ. އެ ގޮތުން، ބީއެމްއެލް އިން ހަދިޔާކުރި 30،000 ރުފިޔާގެ ފައިސާގެ އެހީ ބޭނުންކުރަން ހަމަޖެހިފައި ވަނީ، ބީއެމްއެލް އިން ބުނި ގޮތުގައި، ކެންސަ ސޮސައިޓީން ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށެވެ.

މިއަދު ބޭއްވި ކުޅިވަރު ފެސްޓިވަލްގައި ބީއެމްއެލް އިން ސްޕޮންސަކުރި ޓީޓީ ހަރަކާތުގައި ކުޑަކުދިންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ބީއެމްއެލް

މި ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް، ކެންސަ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ ސައީދާ އެކު ޓޭބަލް ޓެނިސް މެޗެއް ކުޅުއްވުމަށް ފަހު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިއީ ހަރަކާތްތެރިވެ އުޅުމުގެ މުހިއްމުކަމާއި ދުޅަހެޔޮ ދިރިއުޅުމެއް ބައްޓަން ކުރަން އާއްމުން ހޭލުންތެރި ކުރެވިދާނެ ވަރަށް ރަނގަޅު ގޮތެއް ކަމަށެވެ. އެހެންވެ، އެ ހަރަކާތުގައި ބައިވެރިވެ، އެހީ ފޯރުކޮށް ދެވުމަކީ ބީއެމްއެލް އަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ދަނީ 'އަހަރެންގެ ބޭންކް' ކެމްޕޭންގެ ތެރޭން، މަދަނީ ޖަމިއްޔާތަކާ ގުޅުން އިތުރަށް ބަދަހިކުރަމުން. އަދި ހާއްސަކޮށް، މި ފަދަ މުހިއްމު ދާއިރާއަކަށް އެހީ ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް،" އެންޑްރޫ ވިދާޅުވި އެވެ.

މިއަދު ބޭއްވި ކުޅިވަރު ފެސްޓިވަލްގައި ބީއެމްއެލް އިން ސްޕޮންސަކުރި ޓީޓީ ހަރަކާތުގައި ބީއެމްއެލްގެ ސީއީއޯ އެންޑްރޫ (ކ) އާއި ކެންސަ ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާ (ވ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން މިދިޔަ ހަފުތާގައި ފެށި "އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.

މި ކެމްޕޭނުގެ ދަށުން ބީއެމްއެލް އިން ވަނީ އިއްޔެ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވައިފަ އެވެ. މި ހަވީރު ބޭއްވީ މާލެ ފިޔަވައި ބޭންކުގެ ހިދުމަތްތައް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫ އަދި ގދ. ތިނަދޫގަ އެވެ.

ބީއެމްއެލް އިން އިއްޔެ އައްޑޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު: "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުން، އައްޑޫއާ އެކު ތިން ރަށެއްގައި އިއްޔެ ކުޑަކުދިންގެ ހަވީރު ބާއްވާފައިވޭ.-- ފޮޓޯ: ބީއެމްއެލް

މީގެ އިތުރުން، ބީއެމްއެލް އިން ވަނީ ދެމެހެއްޓެނިވި މަޝްރޫއަކަށް ދެ ލައްކަ ރުފިޔާ ދޭން ނިންމައި އެ ޕްރޮގްރާމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. މި މަހުގެ 22 ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި އިސްކަން ދެނީ ތިމާވެށި ރައްކާތެރިކުރުމާއި ތައުލީމް އަދި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާއި އެ ނޫން ވެސް އިޖުތިމާއީ ކަންކަން ހިމެނޭ ގޮތަށް މުޖުތުމައު އަށް ފައިދާ ކުރާނެ ކަންތައްތަކަށެވެ. އެ ގޮތުން، މި ޕްރޮގްރާމަށް ހޮވަނީ ދިގު މުއްދަތަކަށް ފައިދާ ލިބޭނެ، ދެމެހެއްޓެނިވި މަޝްރޫއުތަކަށެވެ.