ރަސްދޫގެ ޑައިވިން ސެންޓަރަކާއި ދެ ފިހާރައެއްގައި ރޯވެ މިލިޔަނެއްހާ ރުފިޔާގެ ގެއްލުން!

ރަސްދޫގައި ހިންގާ ޑައިވިން ސެންޓަރަކާއި ސުވެނިއާ ފިހާރަ އަކާއި ގިނަ އަދަދެއްގެ މުދާ ބަހައްޓާފައި ހުރި ތަނެއްގައި ރޯވެ، އަނދައި އިއްޔެ ހުލިވެއްޖެ އެވެ.


ރަސްދޫ ލުނބޯގަސްދޮށުގޭގައި ހިންގާ މި ތިންތަނުގައި އިއްޔެ ހަވީރު ރޯވެ ލިބުނު ގެއްލުމުގެ އަގު މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރެ އެވެ.

އާއިލީ އެ ވިޔަފާރި ހިންގާ، ލުނބޯގަސްދޮށުގޭ އަބްދުއްރަޝީދު އާދަމް ބުނިގޮތުގައި، އެންމެ ފުރަތަމަ އަލިފާން ރޯވީ "ރަސްދޫ ޑައިވް ސެންޓަރު"ގަ އެވެ. އަދި އަލިފާންގަނޑު، ޖެހިގެން ހުރި ސުވެނިއާ ފިހާރައިގަ އާއި އެތަނާ ޖެހިގެން ހުރި، މުދާ ރައްކާކޮށްފައި ހުރި ފިހާރައިގައި ހިފައި އެ ދެތަން ވެސް ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

"ސްވެނިއާ ފިހާރައިގައި ވެސް ހުންނާނެ ފަސް ލައްކައެއްހާ ރުފިޔާގެ މުދާ. އަނެއް އިމާރާތުގައި ހުންނާނެ ފިހާރައަކަށް ބޭނުންވާނެ ހުރިހާ މުދަލެއް. އޭގެ އިތުރުން އެތަނުގައި ހުރި ޑައިވިން ޕްލާންޓަކާއި ކޮމްޕްރެސަރެއް ވެސް ވަނީ އެއްކޮށް އަނދާހުލިވެފައި،" އަބްދުއްރަޝީދު ބުންޏެވެ.

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތެއް އަނދާހުލިވެފައި -- ފޮޓޯ/ފޭސްބުކް

މި ހާދިސާގައި ޑައިވިން ސެންޓަރުގެ ބައެއް ތަކެއްޗަށް ވެސް ގެއްލުންތައް ލިބުނުއިރު، އަބްދުއްރަޝީދުގެ ގޭގެ އެއް ކޮޓަރި އާއި ޖެހިގެން ހުރި ގޭގެ ފާރަކަށް ވެސް ވަނީ އަލިފާނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.

އެ ހާދިސާ ހިނގަން ދިމާވި ގޮތް ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު އަބްދުއްރަޝީދު ލަފާ ކުރާ ގޮތުގައި އަލިފާން ރޯވީ ކަރަންޓު ޝޯޓަކުންނެވެ.

ޑައިވިން ސެންޓަރު ނޫން އެހެން ތަނެއް އިންޝުއާ ނުކުރާއިރު، އެތަނުގެ އިންޝުއަރެންސްގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް މިހާރު މި ވަނީ ހުއްޓިފައި. ހުރިހާ އެއްޗެއް މިވަނީ އަނދާހުލިވެފައި،" އަބްދުއްރަޝީދު ބުންޏެވެ.

އޭނާ ބުނީ އަލިފާން ރޯވުމާއެކު، ރަސްދޫގައި ތިބޭ ފުލުހުން އެތަނަށް ދިޔަ ނަމަވެސް އަލިފާން ނިއްވޭ ކަހަލަ އެއްވެސް އެއްޗެއް އެ މީހުންގެ އަތުގައި ނެތް ކަމަށެވެ. ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި ހުރި އިތުރު ތަންތަން ސަލާމަތްވީ، އެ ރަށުގައި ހުންނަ ދިރާގު އޮފީހުގައި އޮތް ޕަމްޕެއް މޫދަށް ގުޅައިގެން އަލިފާން ނިއްވާލުމުން ކަމަށް ވެސް އޭނާ ބުންޏެވެ.