ސާކް ސަމިޓަށް ސަފާރީ ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

އައްޑޫގައި ބޭއްވި ސާކް ސަމިޓަށް ސަފާރީތަކެއް ކުއްޔަށް ހިފީ ގަވާއިދާ ޚިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައި އޮތަސް، އެ ކަމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.


ސާކް ސަމިޓަށް ބޭރު ގައުމުތަކުން އައި ވަފުދުތަކުގެ ބޭފުޅުން ތިއްބެވުމަށް ކުއްޔަށް ހިފި ހަ ސަފާރީ ކުއްޔަށް ހިފީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ސާކް ސަމިޓްގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އެ މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއުލާން ނުކޮށް އެ ސަފާރީތައް ކުއްޔަށް ހިފަން ޖެހުނީ ފަހު ވަގުތު އިތުރު ވަފުދުތަކެއް އަންނަން ހަމަޖެހި، އެކަމަކު އެ މީހުންނަށް ރިސޯޓްތަކުން ޖާގަ ނުލިބުމުން ކަމަށެވެ.

އެކަން ދެން ކުރެވެން އޮތް ގޮތަކީ ސަފާރީ ކުއްޔަށް ހިފުން ކަމަށް ފެނިގެން ސާކް ސަމިޓް ޓާސްކް ފޯހުން އެކަން އެ ގޮތަށް ކުރީ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ. އަދި އެކަމަށް އިއުލާން ކުރާނެ މުއްދަތެއް ވެސް އޭރު ލިބިފައި ނެތްކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މާލިއްޔަތު ގަވާއިދާ ޚިލާފަށް، އެޑްވާންސަށް 50 އިންސައްތަ ފައިސާ ސަފާރީތަކަށް ދޫކުރީ ސަފާރީތަކުން އެ ނޫން ގޮތަކަށް އެއްބަސްނުވުމުން ކަމަށް އެ ބަޔާނުގައިވެ އެވެ. އެންމެ ފުރަތަމަ ސަފާރީތަކުން އެދުނީ މަސައްކަތުގެ ފުރިހަމަ އަގު އެޑްވާންސްކޮށް ދެއްކުމަށް ކަމަށާއި އެކަމަކު މަޝްވަރާ ކުރުމުން 50 އިންސައްތަ އަށް އެ އަދަދު ދަށް ކުރީ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެޑްވާންސް ފައިސާ ދިނީ ޓާސްކް ފޯހުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެ އެވެ.