ޝަރީއަތްތަކަށް ނުފޫޒު ފޯރުވަނީ ވެރިކަން ދިފާއުކުރަން: އެމްޑީޕީ

ރައީސް އަބްދުﷲ ޔާމީނަށް ބިރަކަށްވާ އެންމެންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވައި، އަވަސް އަރުވާލައިގެން ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވަނީ ވެރިކަން ދިފާއުކުރަން ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.


ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހްތާޒް މުހްސިނާއި މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާނަށް މި ހަފުތާ ބަންދުގައި އިއްވި ހުކުމްތަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ އެ ބޭފުޅުންގެ ޝަރީއަތްތައް ހިންގީ އިންސާފުން ބޭރުގައި ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ އެންމެންނަށް ވެސް ކޯޓުން ކުރަނީ ޓެރަރިޒަމްގެ ހުކުމް ކަން ފާހަގަކޮށް، ހުކުމް އިއްވާ ގޮތާ މެދު އެމްޑީޕީން ވަނީ ސުވާލު އުފައްދައިފަ އެވެ.

މުހްތާޒާއި ނިހާންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމް އިއްވީ އިންސާފުވެރި ޝަރީއަތްތަކުގައި ހުންނަން ޖެހޭ އަސާސްތަކާއި މިންގަނޑުތަކުން ބޭރުން ޝަރީއަތްކޮށްގެން ކަމަށް ބަޔާނުގައިވެ އެވެ. އޭގެ ހެއްކަކީ، މައްސަލަތައް އަވަސްކުރަން ރައީސް ޔާމީން ގޮވާލެއްވުމާ އެކު އެކަމުގައި އަވަސް އަރުވާލުމާއި މައްސަލަތަކުގެ ބެންޗް ބަދަލުކޮށް، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލް ބާރީ ޔޫސުފާ މައްސަލަތައް ހަވާލުކުރުމާއި ދިފާއީ ހެކިން ހުށަހެޅުމުގެ ފުރުސަތު ނުދީ ސިއްރުން ޝަރީއަތްތައް ހިންގުން ކަމަށް ބަޔާނުގައިވެ އެވެ. އޭގެ އިތުރުން ވަކީލުންނަށް އެކަށީގެންވާ ވަގުތު ނުދިނުމާއި އާއްމުންނާއި ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ޝަރީއަތްތަކުގެ އަޑުއެހުންތައް ސިއްރުކޮށް ރޭގަނޑު ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

ގާޒީ ނިހާނަށް ހުކުމް އިއްވުމަށް ފަހު އޭނާ ކްރިމިނަލް ކޯޓުން ނެރެގެން ގެންދަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

"ތަހުގީގެއް އަދި ޝަރީއަތެއް ކުރެވިފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ކަމުގައި ވިއަސް، ދައުލަތުގެ ޕްރޮސިކިއުޓަ ޖެނެރަލް ކަން ކުރެއްވި ފަރާތެއްގެ މައްޗަށް ކަމުގައި ވިއަސް އަދި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ކަން ކުރެއްވި ފަރާތެއްގެ މައްޗަށް ކަމަށް ވިއަސް އެ ތަހްގީގެއްގައި އަދި ޝަރީއަތެއްގައި އިންސާފުވެރިކަމުގެ ސިފައެއް ނުފެންނާނެ ކަން އެންމެ ފަހުން ނިންމި މައްސަލަތަކުން އެނގި ހާމަވެ އެވެ،" އެމްޑީޕީ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާ އެކު ޝަރީއަތްތައް ކުރިއަށް ގެންދެވޭނީ ރައީސް ޔާމީނަށް ތުހުމަކުރެވޭ މައްސަލަތަކުގައި އެމަނިކުފާނު ހައްޔަރުކޮށް ޝަރީއަތް ހިންގައިގެންނެވެ.