ފަނޑިޔާރު ޝުޖާއު ހައްޔަރެއް ނުކުރަން، އެކަމަކު ސެކިއުރިޓީ ދިނިން: ފުލުހުން

ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާނު ހައްޔަރުކުރި ކަމަށް ދެކެވެމުންދާ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.


އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު މިދިޔަ ހަފުތާގައި ހައްޔަރުކޮށް، މާލެ ގެނައި ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ސުވާލު ކުރުމުން ފުލުހުން މިއަދު ބުނީ ފަނޑިޔާރުންނަށް ސެކިއުރިޓީ ދިނުމުގައި އޮންނަ އުސޫލުގެ ތެރެއިން ޝުޖާއު އަށް ވެސް ސެކިއުރިޓީ ފޯރުކޮށް ދީފައިވާނެ ކަމަށެވެ. އެކަމަކު އޭނާ ހައްޔަރުކުރި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކުރި އެވެ.

ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ކުށެއް ކުރަނިކޮށް ނުފެންނަ ނަމަ ފަނޑިޔާރަކު ހައްޔަރު ކުރެވޭނީ، އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރަކަށެވެ. އެހެންވެ ޝުޖާއު ހައްޔަރު ކުރާ ނަމަ އެކަން ކުރެވޭނީ ސުޕްރީމް ކޯޓުގެ އަމުރެއް ލިބިގެންނެވެ.

އައްޑޫ މީދޫގައި ހުންނަ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ޝުޖާއު މިހާރު ހުންނެވީ މާލޭގައި ކަމަށް ވަނީ އެނގިފަ އެވެ. އެކަމަކު އޭނާ މާލޭގެ ހައި ކޯޓަށް ބަދަލުކުރީ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމާއި ގދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރިން ކުރެއްވި ޝުޖާއު ހައި ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރީ 2015 ވަނަ އަހަރުގަ އެވެ. އޭނާ ދެކުނު ގޮތްޕަށް ފޮނުވީ އެ ގޮފީގައި ކުރިން ހުންނެވި ޑރ. އަޒްމިރަލްދާ ޒާހިރު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.