ކެމިކަލް ޖެހި މައްސަލާގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

މިިދިޔަ އަންގާރަ ދުވަހު ރ. ދުވާފަރުގައި، އުމުރުން ދުވަސްވީ ފިރިހެނެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި އަަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


އެ ރަށު ނީލަމްގޭ އިބްރާހިމް މުހައްމަދު، 71، މޫނަށް ޒުވާން ފިރިހެނަކު ކެމިކަލް ޖެހީ ފަތިސް ނަމާދަށް ދަނިކޮށެވެ. އެ މީހާގެ މޫނަށް ކެމިކަލް ޖެެހުމުން ލޮލަށް ވަރަށް ބޮޑަށް ވަނީ ގެއްލުން ލިބިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެކަން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އިބްރާހިމްގެ މޫނަށް ކެމިކަލް ޖެހުމުން އޭނާ ވަނީ މާލެ ގެނެސް އައިޖީއެމްއެޗުން ފަރުވާ ދޭން ފަށައިފަ އެވެ. އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިބްރާހިމްގެ ކަނާތު ލޮލަށް ކެމިކަލްގެ އަސަރުތައް ކޮށްފައިވާ ކަމަށެވެ. އެ ލޮލަށް ފެންނާނެކަން ޔަގީން ވާނީ މިހާރު އަޅާފައިވާ ބޭސްގަނޑު ނެގުމުން ކަމަށް ވެސް އެތަނުން ބުންޏެވެ. ކެމިކަލް ޖެހުމުގެ ސަބަބުން އިބްރާހިމްގެ މޫނަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނެވެ. އެކަމަކު އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ށ. ޅައިމަގު އަންހެނެއްގެ މޫނަށް ބްލީޗު ޖެހުމުން އޭނާއަށް ވެސް ގެއްލުންތަކެއް ލިބުނެވެ. ޅައިމަގު އަންހެން މީހާގެ މޫނަށް ބްލީޗް ޖެހި މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރި އެވެ. އުމުރުން 50 އިން މަތީގެ އަހަރުގެ އެ މީހާގެ ގަޔަށް ބްލީޗް ޖެހީ ފަތިސް ނަމާދަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތެވެ.