ޕާޓީތަކުގެ ލީޑަރުންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް ގާނޫނު އިސްލާހުކުރަން ވިސްނަނީ

ސިޔާސީ ޕާޓީތަކުގެ ލީޑަރުން ގާނޫނާ ހިލާފުވެއްޖެ ނަމަ އެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ވިސްނުން ގެންގުޅޭ ކަމަށް އިލެކްޝަނުން ކޮމިޝަނުން މިއަދު ބުނެފި އެވެ.


ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ޕާޓީތަކާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި އުޅުއްވާ ބޭފުޅުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރެއް ނޯވެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުމުގެ ވިސްނުން ގެންގުޅެނީ ޕާޓީތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއަކުން ހަރަކާތެއް ހިންގައިފި ނަމަ އެ ހަރަކާތެއްގެ ޒިންމާ ނަންގަވަން ބޭފުޅަކު ހުންނަވަން ޖެހެ އެވެ. އެހެންވެ ގާނޫނުގެ ތެރެއިން އެކަން މަގުފަހި ކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އަޅާނެ ފިޔަވަޅުތަކެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

މުޒާހަރާއެއް ކޮންޓްރޯލް ކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ: ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ދަނީ ވިސްނަމުން -- ފޮޓޯ: ފޭސްބުކް

"ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކަށް ޒިންމާވާނީ އެ ޕާޓީއެއްގެ ލީޑަރުން ކަމަށް ކަނޑައަޅައި އުސޫލުތަކެއް ގާނޫނުގެ ތެރެއިން (އެކުލަވާލުމުގެ) މަސައްކަތް ކުރަމުން މިދަނީ،" އަކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުން މިހާރަށް ވުރެ ފުރިހަމަކޮށް ހަރަކާތްތައް ހިންގުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ދަތިތަކެއް އުޅޭތީ ގާނޫނުގެ ތެރެއިން އެކަން ހައްލު ކުރުމުގެ ވިސްނުން ވެސް ގެންގުޅެމުން އަންނަ ކަމަށެވެ.

"ތިން މަސް ތެރޭގައި ފައިސާ ދޭން އޮންނަނީ. އެ ފައިސާ ދޭން އޮންނަނީ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ބަލާފައި. ދެ ރިޕޯޓު ހުށަހަޅަން ވެސް އޮންނަނީ 90 ދުވަސް ދީފައި. އެ ދުވަސްތަކުގެ ތެރޭގައި ބައެއް ޕާޓީތަކުން ލިޔުން ހުށަނާޅާ. އެހެންކަމަށްވާ ނަމަ އިލެކްޝަންސް ކޮމިޝަނަށް ޕާޓީތަކަށް ފައިސާ ދެވޭނެ ގޮތެއް ނޯންނާނެ. އެހެންވެ އެކަން އިސްލާހު ކުރަން މި މަސައްކަތް ކުރަނީ،" އަކްރަމް ވިދާޅުވި އެވެ.

މީގެ އިތުރުން ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާތައް މޮނިޓާ ކުރެވޭނެ މަގެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިލެކްޝަން ކޮމިޝަނުގެ މެމްބަރު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގައި ހުރި ހިޔާލުތައް ބަންޑާރަ ނައިބު މުހައްމަދު އަނިލްއާ ހިއްސާ ކުރުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ ލަފަޔަކަށް އެދޭނެ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލަފަޔާ ނުލައި އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ގާނޫނާ ގަވާއިދާ ހިލާފަށް އަމަލުކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެކި ފަހަރު މަތިން ވަނީ ސިޔާސީ ބައެއް ޕާޓީތަކާ މެދު ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން ބައެއް ޕާޓީތައް އެކި ފަހަރުމަތިން ޖޫރިމަނާކޮށްފައިވެ އެވެ.