ޓައިނީ ހާޓްސްގެ ހަރަކާތްތަކަށް ޔުނިވާސަލް އިން އެހީތެރިވަނީ

ޓައިނީ ހާޓްސް އިން މި އަހަރު ހިންގާ ހަރަކާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިވުމަށް ޔުނިވާސަލް އެންޓަޕްރައިސަސް އާއި އެ ޖަމިއްޔާއާ ދެމެދު އެއް އަހަރުގެ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.


މި އެއްބަސްވުމުގައި ޓައިނީ ހާޓްސްގެ ފަރާތުން ސޮއި ކުރެއްވީ، އެ ޖަމިއްޔާގެ ޗެއާ ޕާސަން ފިއުނާޒް ވަހީދެވެ. އަދި ޔުނިވާސަލް އިން ސޮއި ކުރެއްވީ، އެ ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދެވެ.

އެއްބަސްވުމުގެ ދަށުން، ޓައިނީ ހާޓްސް އިން ކުރި އަށް ގެންދާ "ކެއާ ފޯ ޓައިނީ ހާޓް" ކޭމްޕާއި "ސޭވް އަ ޓައިނީ ހާޓް" ކޭމްޕަށް ޔުނިވާސަލް އިން ކަނޑައަޅާ އުސޫލުތަކުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މިއީ ހިތުގެ ބަލި ހުންނަ ކުދިން ޑޮކްޓަރަށް ދެއްކުމަށް ބާއްވާ ކޭމްޕެކެވެ.

މިދިޔަ އަހަރު ބޭއްވި "ކެއާ ފޯ ޓައިނީ ހާޓް" ކޭމްޕުގައި 160 ކުދިން ޑޮކްޓަރަށް ދައްކާފައި ވެ އެވެ. މި އަހަރު ބާއްވާ ދެ ކޭމްޕް އޮންނާނީ އަންނަ މަހުގެ 19، 20 އަދި 21 ވަނަ ދުވަހު ކަމަށް ޓައިނީ ހާޓްސްގެ ޗެއާ ޕާސަން ފިއުނާޒް ވަހީދު ވިދާޅުވި އެވެ. އެއީ އެއް ކޭމްޕު ނިމުމާ އެކު އަނެއް ކޭމްޕު ފަށާ ގޮތަށެވެ.

އޭނާ ވިދާޅުވި ގޮތުގައި "ސޭވް އަ ޓައިނީ ހާޓް" ކޭމްޕަކީ ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހޭ ކުދިން، ބޭރަށް ފޮނުވުމުގައި އެހީތެރިވުމަށް ބާއްވާ ކޭމްޕެކެވެ. މި ކޭޕްގެ ދަށުން މިދިޔަ އަހަރު 10 ކުއްޖަކު ބޭރަށް ފޮނުވައިފައިވާ އިރު، މި އަހަރު 20 ކުއްޖަކު ބޭރަށް ފޮނުވުމަށް ވަނީ ހަމަ ޖެހިފަ އެވެ.

މީގެ ތެރެއިން "ކެއާ ފޯ ޓައިނީ ހާޓް" ކޭމްޕު، މި އަހަރު ދެ ފަހަރު ބާއްވާނެ ކަމަށް ވެސް ފިއުނާޒް ވިދާޅުވި އެވެ.

ޓައިނީ ހާޓްސްގައި ޖުމްލަ 450 ކުދިން ރަޖިސްޓްރީ ކޮށްފައިވެ އެވެ. އެ ޖަމިއްޔާ އިން މިހާތަނަށް އަށް ކޭމްޕެއް ބާއްވާފައިވެ އެވެ. މި އަހަރުގެ ދެ ކޭމްޕް ވެސް ބާއްވާނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށް ފިއުނާޒް ވިދާޅުވި އެވެ. މީގެ ކުރިން ބޭއްވި ކޭމްޕްތައް ކުރިއަށް ބާއްވާފައިވަނީ އައިޖީއެމްއެޗްގަ އެވެ.