ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މާލިއްޔަތު ގާނޫނާ ހިލާފަށް ހެލްތު މިނިސްޓްރީން ފައިސާ ހޭދަކުރި މައްސަލަ ބަލައިދޭން އެދި އޭނާ ވަނީ މަޖިލީހުގެ ކޮމެޓީ އަށް މައްސަލައެއް ހުށަހަޅުއްވާފައި. --ފޮޓޯ: މަޖިލިސް
ހެލްތު މިނިސްޓްރީން ގަވައިދާ ހިލާފަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ 2014 ވަނަ އަހަރުގައި ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާތީ އެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
އެ މައްސަލަ ބައްލަވައިދެއްވަން އެދިވަޑައިގެން އެ ކޮމެޓީގެ މުގައްރިރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފެން ބިލާއި ކަރަންޓް ބިލް އަދި ވޯކް ވިސާ ފީ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަށް މިލިއަން ހެލްތު މިނިސްޓްރީން ހަރަދުކުރަން ޖެހުނު ކަމަށެވެ. އެ ފައިސާ ދެއްކުމަށް ފަހު އިހުމާލުވީ ފަރާތްތަކުގެ އަތުން އެ ފައިސާ ހޯދާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަންދުކުރާ މީހުންނަށް ކާންދޭން، ބީލަމަށް ނުލައި ނެޝަނަލް ޑްރަގު އެޖެންސީން ހަ މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އައިޖީއެމްއެޗަށް އެކި ފަރާތްތަކުންނާއި އާސަންދަ ކުންފުނިން 360 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ސިވިލް ސާވިސްގެ ގަވާއިދާ ހިލާފަށް އިތުރު ގަޑީގެ ފައިސާ ނެގުމާއި އެގްރިމެންޓު ނުކޮށް މަސައްކަތް ހަވާލުކުރުމާއި ބަޖެޓުން ބާކީވާ ފައިސާގެ ތަފްސީލް ފިނޭންސް މިނިސްޓްރީ އަށް އެންގުމަކާ ނުލައި ހަރަދުކޮށް ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ހެލްތު މިނިސްޓްރީން ބޭނުންކޮށްފައިވާ ކަން އޮޑިޓް ރިޕޯޓުން އެނގެން އެބައޮތް ކަމަށް ވެސް ހުށަހަޅުއްވި މައްސަލާގައި ރިޔާޒް ވިދާޅުވެފައިވެ އެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް، މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ހަރަދުތަކުން ދައުލަތައް ގެއްލުންވެފައި ވާތީ، އެ ފައިސާ ހޯދުމަށާއި އިހުމާލުވެފައިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވެސް ވަނީ ލަފާ ދެއްވައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދު
28 February 2017
ހެލްތް މިނިސްޓްރީ ގެ ފައިނޭންސްގަ އުޅޭ ބޭބޭފުޅުން ތިކަންކަމަށް ވަރަށް ފަރިތަވާނެ..ރާއްޖޭގެ ހޮސްޕިޓަލްތައް ކުރިނާރަނީ ކޮރަޕްޝަން އިންތިހާއަށް ބޮޑުވީމަ..އަސަންދަ ލާރިގަނޑަށް ވަނީ ކިހިނެއް؟ ބޭރުގެ ހިލޭ އެހީއަށްވަނީ ކިހިނެއް؟؟ދައުލަތުން ކަނޑައަޅާ ބަޖެޓަށްވަނީ ކިހިނެއް؟؟
އަބްދުއްލާ އަލީ
28 February 2017
ކޮބާ ހެލްތުން 2010 ،2011 ގަ ހަރަދު ކުރި ވީގޮތްނޭގޭފައިސާތައް ؟
ފޮނިކަލޯ
28 February 2017
މަނިކުފާނު ތިއުޅުއްވަނީ ތިމަޖުލީހުގައި ކުރާނެ ކަމެއްނެތިގެންތޯއެވެ. މި މާލޭގައި ވަރައް ގިނަމީހުން މަރުވެއެވެ. ކަށު ކަމާއި ކެމީގެ ކަންތައް ނިމައި ދެއްވުމުގައި މަނިކުފާނު ވަގުތު ހޭދަކުރެއްވުން މަނިކުފާނައް މާހެޔޮކަން ބޮޑެވެ.
ލޮނުކޯލަ
28 February 2017
އެހެންވެ ތިބުނަނީ ކޮރަޕްޝަން ހުއްޓުމަށް އެއްވެސް ކަމެއް ނުކުރާށޭ ދެއްތޯ؟ ކޮރަޕްޝަން އޯކޭ ބޭފުޅެއް ދެއްތޯ؟ ތަބީޢީ ކަމަކަށް ވީ ދެއްތޯ؟