މަހްލޫފުގެ މެސެޖް އެލީ އަށް: މިއުޅެނީ "ފޫޅުދިގު ހަންޑި އަށް" ވުރެ ވަރުގަދަވާން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާކަން އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ލައިބާ އަހުމަދު މަހްލޫފް (އެލީ) އަކަށް ނޭނގެ އެވެ. މާލޭގައި ކުރި ބައެއް މުޒާހަރާތަކުގައި މަހްލޫފް ހައްޔަރުކޮށް "ގޮޅި" އަށް ލި ވާހަކަ އިވުމުން އެލީ އަށް ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވި އެވެ. މަހްލޫފް 10 މަހާއި 24 ދުވަހަށް ޖަލަށްލާފައިވާކަން އެހެންވެ އެލީ އަށް އަދިވެސް އޮތީ ސިއްރުކޮށްފަ އެވެ. އެއީ އެލީ އަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކާ ހެދި އެވެ.


އެލީގެ އުމުރުން ހަތަރު ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، މާފުށީ ޖަލުގެ ޔުނިޓް 10 ގައި ހުންނަވައި މަހްލޫފު ވަނީ އެލީ އަށް އުފަން ދުވަހުގެ ހާއްސަ ހަދިޔާ އެއް ދީފަ އެވެ. މަހްލޫފްގެ މަސައްކަތުން ތައްޔާރު ކުރި ކާޑުގައި، އެލީއާ ދުރުގައި ހުންނަން ޖެހުމުން ކުރެއްވޭ އިހްސާސްތައް ލިޔުއްވާފައިވެ އެވެ.

އެލީ ކައިރީ ބުނެފައި އޮންނާނީ މާފުށީގައި މިހުރީ ޓްރެއިނިންއެއް ފުރިހަމަ ކުރުމަށް ކަމަށް. އެއީ ފޫޅު ދިގުހަންޑިއަށް ވުރެ ވަރުގަދަވާން. އޭރުން އަބަދުވެސް ދަރިފުޅު ހިމާޔަތް ކުރެވޭނެ، --މަހްލޫފް
ދަރިފުޅު އެލީގެ އުފަންދުވަހާ ގުޅިގެން މަހްލޫފް ފޮނުއްވި ކާޑު.--- ފޮޓޯ: ނަޒޫ

ދަރިފުޅުގެ އުފަންދުވަހުގެ "ހާއްސަ ހަދިޔާ" ގައި މަހްލޫފް ވިދާޅުވި ގޮތުގައި އޭނާ މާފުށީގައި ހުންނެވީ ތަމްރީނެއް ފުރިހަމަ ކުރުމަށެވެ. އެއީ "ފޫޅު ދިގު ހަންޑިއަށް ވުރެ" ވަރުގަދަވެ، އެލީ އަށް އަބަދުވެސް ފުރިހަމަ ރައްކާތެރިކަމެއް ދިނުމަށެވެ. އެކަމަކު، ކޮންމެވެސް ދުވަހަކުން އެލީ އަށް ކަމުގެ ހަގީގަތް އެނގޭނެ ކަން މަހްލޫފް ގަބޫލުކުރައްވަ އެވެ.

"އެލީ ކައިރީ ބުނެފައި އޮންނާނީ މާފުށީގައި މިހުރީ ޓްރެއިނިންއެއް ފުރިހަމަ ކުރުމަށް ކަމަށް. އެއީ ފޫޅު ދިގު ހަންޑި އަށް ވުރެ ވަރުގަދަވާން. އޭރުން އަބަދުވެސް ދަރިފުޅު ހިމާޔަތް ކުރެވޭނެ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ލިޔުއްވި ކާޑުގައި ވިދާޅުވި ގޮތުގައި، އޭނާ ޖަލަށްލީ ބޭއިންސާފުން ކަން އެލީ އަށް އެ ދުވަހަކުން ގަބޫލު ކުރެވޭނެ އެވެ. އަދި އެލީއާ އެކަހެރިކޮށްފައި ބެހެއްޓިޔަސް، މަސައްކަތް ކުރައްވަމުން ގެންދަވަނީ "ހުދުމުހުތާރު ލީޑަރެއްގެ" ކިބައިން ގައުމު ސަލާމަތް ކުރުމަށް ވެސް މަހްލޫފްގެ މެސެޖްގައި ވެ އެވެ.

ދަރިފުޅު އެލީގެ އުފަން ދުވަހާ ގުޅިގެން މަހްލޫފް ފޮނުއްވި ކާޑު.--- ފޮޓޯ: ނަޒޫ

"މަޖުބޫރުން [ދަރިފުޅާ] އެކަހެރިކޮށްފައި ބެހެއްޓުމުން އެލީ މާފު ކުރާނެ ކަމަށް ކަމަށް ގަބޫލު ކުރަނީ. މި އާއިލާއެކޭ އެއްގޮތަށް އެހެން އާއިލާތައް ވެސް ތިބީ މިފަދަ ހާލަތެއްގައި،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ކާޑުގައި ވަނީ އެލީއާއެކު މީގެ ކުރިން، ކުރެއްވި ބައެއް ކަންކަން ހިއްސާ ކުރައްވައިފަ އެވެ. އަދި މިނިވަން ވުމަށް ފަހު، ވަޑައިގެން ގިނަ ކަންތައްތަކެއް ރާއްވަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަހްލޫފް ވިދާޅުވި ގޮތުގައި އުންމީދަކީ ކުރިއަށް އޮތް 100 ދުވަސް ތެރޭގައި މިނިވަން ވެގެން އެނބުރި އެލީ ކައިރިއަށް ވަޑައިގަތުމެވެ.

އުފަން ދުވަހާ ގުޅިގެން ދަރިފުޅު އެލީއަށް މަހްލޫފް ފޮނުއްވި ހަދިޔާ.
މަޖުބޫރުން [ދަރިފުޅާ] އެކަހެރިކޮށްފައި ބެހެއްޓުމުން އެލީ މާފު ކުރާނެ ކަމަށް ކަމަށް ގަބޫލު ކުރަނީ. މި އާއިލާއެކޭ އެއްގޮތަށް އެހެން އާއިލާތައް ވެސް ތިބީ މިފަދަ ހާލެއްގައި، --މަހްލޫފް

"އެކީގައި ލަވަ ކިޔައި، ކުޅެ ހަދާ ދުވަސްތަކުގެ މަތިން ހަނދާންވޭ. ބުރު ޖަހަން ދިއުމާއި ޕާކަށް ގޮސް މަޖާ ކުރާ ދުވަސްތަކުގެ މަތިން ހަނދާންވޭ. ސްކޫލަށް ނުގެންދެވޭތީ އާއި އެއްކޮށް ކައި ނުހެދޭތީ އާއި ނިދާއިރު ކައިރީގައި ނުހުރެވޭތީ ވަރަށް ދެރަވޭ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ އެލީ އާ މެދު ފަހުރުވެވަޑައިގަންނަވާ ކަމަށާއި އެ ދަރިފުޅުގެ ހަތަރުވަނަ އުފަން ދުވަސް އެކުގައި ފާހަގަ ނުކުރެވުމަކީ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އަދި މަހްލޫފް ވަނީ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.