ރާއްޖެ އަންނަ މީހުން ބަލައި ފާސްކުރުން ކަސްޓަމުން ވަރުގަދަކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އަންނަ ދިވެހިންނާއި ބިދޭސީން ބަލައި ފާސް ކުރުމުގެ ކަންކަން ކަސްޓަމުން ވަރުގަދަކޮށް، ޒަމާނީ ވަސީލަތްތަކެއް ގާއިމުކޮށްފި އެވެ.


ކަސްޓަމުން ވަނީ އެއާޕޯޓަށް އަންނަ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަމަށް ކަސްޓަމްސްގެ މުވައްޒަފުންނަށް ފެނިއްޖެ ހާލަތެއްގައި މީހުން ބަލައި ފާސް ކުރުމަށް ހާއްސަ ބޮޑީ ސްކޭނާއެއް ބަހައްޓައިފަ އެވެ. އަދި ރާއްޖެ އަންނަ މީހުންގެ ހަރަކާތްތައް ބެލުމަށް ކެމެރާތަކެއް ހަރުކޮށްފަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޗީފް ކަސްޓަމްސް އޮފިސަރު މުހައްމަދު އަފްޒަލް ވިދާޅުވި ގޮތުގައި ބޮޑީ ސްކޭނާ މެޝިނަކީ ހަލުވިކަމާއެކު އެމީހެއްގެ ހަށިގަނޑު ބަލައި ފާސް ކުރެވޭނެ ޒަމާނީ ވަސީލަތެކެވެ. މިދިޔަ އޮކްޓޯބަރު މަހު ގާއިމު ކުރި މެޝިނުން ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މެޝިން ބޭނުންކޮށްގެން މީހާގެ ހަށިގަނޑު ވަރަށް އަވަހަށް ބެލޭނެ، ކުރިން ތުހުމަތުކުރެވޭ މީހަކު މާލެ ފޮނުވައިގެން ސްކޭން ކުރަންވީމަ އެތައް ވަގުތުތަކެއް ހޭދަވޭ،" އަފްޒަލް ވިދާޅުވި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މެޝިން ގާއިމު ކުރި ފަހުން ތިން މީހެއްގެ ހަށިގަނޑު ބަލައި ފާސް ކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

ކަސްޓަމުން ދަނީ ރާއްޖެއަށް އަންނަ މީހުންގެ ހަރަކާތްތައް ބެލުމަށް ސަވައިލެންސް ޔުނިޓެއް ގާއިމުކޮށް، އެރައިވަލް ޓާމިނަލްގެ އެކި ހިސާބުތަކުގައި ކެމެރާ ހަރުކޮށްފަ އެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުން ދަނީ ރާއްޖެއަށް އަންނަ މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ.

އަފްޒަލް ވިދާޅުވި ގޮތުގައި ފްލައިޓުން ފައިބައިގެން ޓާމިނަލުން ނުކުތުމާ ހަމައަށް އެ މީހުންގެ ހަރަކާތްތައް ދާނީ މޮނިޓާ ކުރެވެމުންނެވެ. އަދި އެއްވެސް މީހެއްގެ ފަރާތުން ޝައްކުވާ ކަމެއް ފެނިއްޖެނަމަ، އެ މީހަކު ބަލައި ފާސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަސްޓަމުން ބުނި ގޮތުގައި އަލަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖެއަށް އަންނަ މީހުންނަށް ލަގެޖް ނުވަތަ ފޮށިތައް ލިބޭނީ ސްކޭން ކުރުމަށް ފަހު އެވެ. އަދި އެއްވެސް ފޮއްޓެއްގައި ގޮތް ނޭނގޭ އެއްޗެއް ހުރި ކަމުގައިވަނީނަމަ، ކަސްޓަމްގެ ހާއްސަ ސްޓިކާ އެއް ޖަހަ އެވެ.

މީގެ އިތުރުން ހާއްސަ ސްޓިކާ ޖަހާފައި ހުންނަ ތަކެތި އިތުރަށް ބަލައި ފާސް ކުރަން ރެޑް ޗެނަލެއް ގާއިމުކޮށްފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. އެ ގޮތުން ބިދޭސީއަކު ރާއްޖެ އެތެރެކުރުން މަނާ އެއްޗެއް އެތެރެކޮށްފިނަމަ، އެ ހިފަހައްޓާނެ ކަމަށާއި ދިވެއްސަކު އެތެރެކޮށްފިނަމަ، އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކަސްޓަމުން ބުންޏެވެ.

މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމުން މިދިޔަ އަހަރުގެ ތެރޭގައި ހިންގި ތަފާތު އޮޕަރޭޝަންތަކުގައި 57 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ހައްޔަރު ކުރި އެވެ. އަދި ރާއްޖެ އެތެރެ ކުރަން މަސައްކަތް ކުރި 20،000 އަށްވުރެ ގިނަ ބަނގުރާ ފުޅި ވަނީ އަތުލައިގެންފަ އެވެ.