އެމްއޭސީއެލް އިން އަންހެނުންގެ ދުވަސް ފާހަގަކުރުން ތަފާތު ގޮތަކަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ 500އެއްހާ އަންހެނުން ބައިވެރިވެ ތަފާތު ގޮތަކަށް އަންހެނުންގެ ދުވަސް ފާހަގަކޮށްފި އެވެ.


ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ކުރީމަތީގައި އޮންނަ ހުސް ބިމުގައި މިއަދު މެންދުރު ފަހު ކުރިއަށްގެންދިޔަ މި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ. އެކަމަނާ ވަނީ އަންހެނުންގެ ދުވަހަށް ހާއްސަކޮށް އެމްއޭސީއެލް އިން އެޅި ކޭކެއް ފަޅުއްވައި ދެއްވައިފަ އެެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެމްއޭސީއެލްއިން މިއަދު ބޭއްވި ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އެއާޕޯޓަށް ވަޑައިގަތުމުން އެ ކުންފުނީގެ މުވައްޒަފުން މަރުހަބާ ދަންނަވަނީ -- ފޮޓޯ: އެމްއޭސީއެލް

ނެށުމާއި ގޯނި ރޭހާއި ދުވުން ފަދަ ތަފާތު އެކި ހަރަކާތްތައް ހިމަނައިގެން، އެމްއޭސީއެލްގައި އަންހެނުންގެ ދުވަހެއް ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ. އެ ކުންފުނީގެ ސީނިއާ ޓެކްނިކަލް އޮފިސަރު ފާތިމަތު ނަޒްލީ ވިދާޅުވީ މިރެއާ ހަމައަށް ކުޅިވަރުތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު އެ ކަންތައްތައް ގެންދަނީ 10 ގްރޫޕަކަށް މުވައްޒަފުން ބަހާލައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ކުލަގަދަ ގޮތެއްގައި އަންހެނުންގެ ދުވަސް ފާހަަގަކުރުމުގެ ބޭނުމަކީ މުވައްޒަފުންގެ ގުޅުން ބަދަހި ކުރުން ކަމަށެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެމްއޭސީއެލްއިން އެއާޕޯޓްގައި މިރޭ ކުރިއަށް ގެންދިޔަ ބައެއް ހަރަކާތްތައް -- ފޮޓޯ: އެމްއޭސީއެލް

"މިިއީ އެއް ތަނެއްގައި މަސައްކަތް ކުރާ ބަޔަކަށް ވިޔަސް، މަސައްކަތް ހުންނަ ގޮތުން ވަރަށް ދިމާނުވޭ. އަދި ނުދަންނަ އެތައް މުވައްޒަފުންނެއް މަސައްކަތް ކުރޭ. އެހެންވެ ބޭނުމަކީ ވެސް އެ މީހުންނާ ގުޅުން ބަދަހިކުރުން،" ނަޒްލީ ވިދާޅުވި އެވެ.

މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު ކުރިއަށްގެންދާ މި ފާހަގަކުރުމުގައި ބައިވެެރިވަނީ އެމްއޭސީއެލްގެ ހަމައެކަނި އަންހެން މުވައްޒަފުންނެވެ.