ފަސް އެއާޕޯޓް އަޅަން ދިނީ ކުންފުނިން ނަގާ ލޯނަށް ސޮވެރިން ގެރެންޓީ ދިނުމަށް ފަހު

ފަސް ރަށެއްގައި އެއާޕޯޓް އަޅަން ސަރުކާރުން އިއްޔެ ހަވާލުކުރި މެލޭޝިއާ ކުންފުނިން އެއާޕޯޓް ހެދުމަށް ނަގާ ލޯނަށް ދިވެހި ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދީފި އެވެ.


ހދ. ކުޅުދުއްފުށްޓާއި ށ. ފުނަދޫ އާއި ފ. ނިލަންދޫގެ އިތުރުން ގދ. މާވާރުލު އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓެއް އެޅުމަށް ހަވާލުކުރީ މެލޭޝިއާގެ ގްރިފޮން އެނަޖީ ކޯޕަރޭޝަނާ އެވެ. މުޅި އެ މަޝްރޫއުގެ އަގު 57.7 މިލިއަން ޑޮލަރު(889 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފަސް އެއާޕޯޓް ހެދުމަށް އެ ކުންފުނިން ނަގާ ލޯނަށް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީއެއް ދިނީ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އެކަން ހިމަނައިގެންނެވެ.

މާލިއްޔަތު ގާނޫނު މިހާރު އޮންނަ ގޮތުން ސޮވެރިން ގެރެންޓީ ދޭއިރު ރަައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާކަށް ނުޖެހުނަސް އެކަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާ ހިއްސާ ކުރަންޖެހެ އެވެ. އެކަމަކު މި ގެރެންޓީ ދިންކަން ކޮމެޓީއަށް އެންގި ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.

ދާދިފަހުން ސަރުކާރުން ވަނީ ސަރުކާރުން ހިންގާ ހައުސިން މަޝްރޫއެއް ހިންގާ ކުންފުނިން ނަގާ ލޯނަކަށް ވެސް ސޮވެރިން ގެރެންޓީއެއް ދީފަ އެވެ.

އެނގިފައިވާ ގޮތުގައި އެއިން ކޮންމެ އެއާޕޯޓެއްގައި ވެސް 1،200 މީޓަރުންގެ ރަންވޭއެއް އޮންނާނެ އެވެ. އެއިން ކޮންމެ އެއާޕޯޯޓެއް ވެސް އަޅަނީ ޑޭޝް 8 ގެ މަތިންދާބޯޓު ޖެއްސޭ ފެންވަރަކަށެވެ.

އެ ފަސް ރަށުގެ އިތުރުން މ. އަތޮޅާއި ޅ. ފެލިވަރުގައި ވެސް އެއާޕޯޓެއް އަޅާނެކަން ސަރުކާރުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.