އެމްޓީސީސީ އިން ޓީއެފްޖީއާ ގުޅިގެން ހިންގި ފިޓްނަސް ޕްރޮގްރާމް ނިންމާލައިފި

އެމްޓީސީސީ އިން ޓޯޓަލް ފިޓްނަސް ގްރޫޕާ (ޓީއެފްޖީ) ގުޅިގެން ހިންގި ފިޓްނަސް ދެ ޕްރޮގްރާމް މިރޭ ނިންމާލައިފި އެވެ.


އެކަން ނިންމުން ފާހަގަކުރަން ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި މިރޭ ވަނީ ހަފުލާއެއް ބާއްވައިފަ އެެވެ.

މި ދެ ފަރާތް ގުޅިގެން ހިންގީ ކޯޕަރޭޓް ފިޓްނެސް އަދި ލޫޒާ ޕްރޮގްރާމެކެވެ. ކޯޕަރޭޓް ފިޓްނެސް އެއް މަސް އަދި ލޫޒާ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ނުވަ ހަފުތާ އަށެވެ. މި ދެ ޕްރޮގްރާމުގައި 25 ވަރަކަށް މުވައްޒަފުން ބައިވެރިވި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަަަވަމުން އެމްޓީސީސީގެ ހިއުމަން ރިސޯސް އެގްޒެކެޓިވް އަބްްދުﷲ ފާއިދު ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ ސްޕީޑް ހަލުވި ވެ، އުފެއްދުންތެރިކަން އިތުރުވެފައިވާކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި މިފަދަ އިތުރު ތިން ޕްރޮގްރާމު ހިންގަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިދު ވިދާޅުވި ގޮތުގައި އެމްޓީސީސީން އެންމެ އިސްކަންދެނީ މުވައްޒަފުންގެ ދުޅަހެޔޮ ކަމަށެވެ. އަދި ޓީއެފްޖީން މި އަހަރު ބާއްވާ ލޯންގު ރޭސް ގައި ވެސް އެެމްޓީސީސީގެ 50 އަކަށް މުވައްޒަފުން ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނީގެ މުޅި މުނޭޖްމަންޓް ބައިވެރިވާނެ. ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި އެހެން ކުންފުނިތަކަށް ޗެލެންޖެއް ދިނުން،" ފާއިދު ވިދާޅުވި އެވެ.

ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ ކުންފުނިތަކުގެ މުވައްޒަފުންގެ ދުޅަހެޔޮކަން ރަނގަޅުކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އެ ކަން ކޮށްދިނުމަށް ތައްޔާރު ކަމަށެވެ.

ވެއިޓް ލޮސް ޕްރޮގްރާމުން އެއްވަނަ ލިބުނީ ނުވަ ހަފުތާ އިން 23 ކިލޯ ދުއްވާލި މުހައްމަދު ޝަމީނަށެވެ. އޭނާ އަށް ޓީއެފްޖީ އިން ވަނީ ޓީއެފްޖީގެ މެމްބަޝިޕް ހިލޭ ދީފަ އެވެ. ކޯޕަރޭޓް ފިޓްނެސް ޕްރޮގްރާމުން އެއްވަނަ ލިބުނީ މުހައްމަދު ތޯރިގަށެވެ.