ސައުދީ ރަސްގެފާނުގެ ހާއްސަ ޔޮޓްކޮޅު ރާއްޖެ އަތުވެއްޖެ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާތީ އެ މަނިކުފާނުގެ ހާއްސަ ޔޮޓްކޮޅު ރާއްޖެ އަތުވެއްޖެ އެވެ.


ރަސްގެފާނުގެ ހާއްސަ ޔޮޓްކޮޅު "އަލް ސަލާމާ" މިހާރު އޮތީ މާލެ ކައިރީގަ އެވެ.

ޗާޓާ ވޯލްޑްއާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ 139 މީޓަރު ދިގު އަދި 40 މީހުންގެ ޖާގައިގެ 22 ކެބިން ހިމެނޭ އަށްބުރީގެ ޔޮޓްކޮޅު ދުނިޔޭގެ އެންމެ ބޮޑު ދިހަ ޔޮޓްގެ ތެރޭގައި ހިމެނެ އެވެ. އެ ޔޮޓްކޮޅުގެ ހަތްވަނަ ބުރި ހާއްސަކޮށްފައި ވަނީ ރަސްގެފާނަށެވެ. އެ ފްލޯގައި ހަތަރު ކޮޓަރި އާއި ހޮސްޕިޓަލް އަދި ރަސްގެފާނުގެ އޮފީސް، ސެކްރެޓަރީގެ އޮފީހާއި ދެ ސްޓާފް އޮފީސް ހުރެ އެވެ.

ރަސްގެފާނު ސަލްމާންގެ ޔޮޓްކޮޅު

ޖަރުނަމުގެ ކުންފުންޏަކުން 1999 ވަނަ އަހަރު ތައާރަފްކުރި އެ ޔޮޓްކޮޅުގައި އެންމެ ޒަމާނީ ހޮސްޕިޓަލަކާއި އޮފީސް، ލައުންޖު، ޖިމް، ސިނަމާ، ލައިބްރަރީ، ބިޒްނަސް ސެންޓަރަކާއި، ސެލޫން އާއި ސްޕާއެއް ވެސް ހުރެ އެވެ.