ރަސްގެފާނަށް ހިމާޔަތް ދިނުމުގެ ނަމުގައި މުދަލަށް އަރައިގަނެ މިިނިވަންކަން ނަގާލުން ބަލައެއް ނުގަންނަން: އެމްޑީޕީ

އަންނަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ހިމާޔަތް ދިނުމުގެ ނަމުގައި، އެމްޑީޕީގެ ހަރުގެއަށް ތިން ފަހަރަށް ފުލުހުން ވަދެ މުދާ ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީން މިރޭ ބުނެފި އެވެ.


ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދެކޮޅު ހަރަކާތްތަކެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި ފުލުހުން މިރޭ ވެސް ވަނީ އެމްޑީޕީގެ ހަރުގެއަށް ވަދެ ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. މިއީ، އެމްޑީޕީ ހަރުގެ އަށް ފުލުހުން ވަދެ ފާސްކުރި ތިން ވަނަ ފަހަރެވެ.

އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ހަރުގެއަށް ވަދެ އެތަން "ހިސޯރުކޮށް" ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެތަން ފާސްކުރިއިރު ޕާޓީގެ އެއްވެސް މީހަކު އެތަނަށް ވަންނަން ފުލުހުން ފުރުސަތު ނުދީ ހުރަސް އަޅާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ސިޔާސީ ކަންކަން ހަލަބޮލިވެ އަބްދުﷲ ޔާމީންގެ ނިންމުންތަކާ ދެކޮޅަށް ރައްޔިތުން ބަސްބުނާ ކޮންމެ ހިނދެއްގައި އެމްޑީޕީގެ މުދަލަށް އަރައިގަނެ ލީޑަރުންނަށް ބިރުދެއްކުމަކީ އަބްދުﷲ ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތީމާ، ގަދަބާރުން އިދިކޮޅު ސިޔާސީ ފިކުރުގެ ފަރާތްތަކަށް ފުރައްސާރަކުރުމަށް ކުރާ ކަމެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އެކަމާ ހެދި އިހްތިޖާޖުކުރާ ސިޔާސީ ޕާޓީތަކާއި އެކި މީހުންނަށް ފުލުހުން ލައްވައި ބިރުދައްކައި ފިއްތައިގެން ހިންގާ ޖަރީމާތައް ބަލައިނުގަނެވޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

"ސައުދީ އަރަބިއްޔާގެ ރަސްގެފާނު ދިވެހިރާއްޖެ އަށް ވަޑައިގަންނަވާއިރު ބޭރުގެ އިއްޒަތްތެރިންނަށް ހިމާޔަތް ދިނުމުގެ ނަމުގައި ދިވެހިރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމާއި ކަރާމާތާއި މިނިވަންކަމަށް އަބްދުﷲ ޔާމީން އަރައިގަނެ، ހުދުމުހުތާރުކަން ފަތުރަމުން އަންނައިރު މުއައްސަސާތައް ހިމޭނުން ތިބުމަކީ ލަދުވެތިވާން ޖެހޭނެ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ރައްޔިތުން ހިޔާލުފާޅުކުރުމާއި އިހްތިޖާޖުކުރުން ފުލުހުން ހުއްޓުވައިގެން ނުވާނެ ކަމަށެވެ. އަދި ތިން ފަހަރަށް އެމްޑީޕީ ހަރުގެ ފާސްކޮށްގެން ގެންދިޔަ މުދާ އަނބުރާ ހަވާލުކުރަން ވެސް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ.