ހެލިކޮޕްޓަރުތަކަކުން ބޭލި ފައިސާ ފޮށިތަކަކާ ހަވާލުވި ކަމަށް ބުނާ ވާހަކަތައް އެމްއެމްއޭ އިން ދޮގުކޮށްފި

ހެލިކޮޕްޓަރުތަކަކުން ގެނައި ގިނަ އަދަދެއްގެ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ އޮތޯރިޓީން މިރޭ ދޮގުކޮށްފި އެވެ.


ރާއްޖޭގެ މަރުކަޒީ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ހެލިކޮޕްޓަރުތަކަކުން ބޭލި ފޮށިތަކަކާ އެމްއެމްއޭގެ މުވައްޒަފުން ހަވާލުވި ކަމަށް ބުނެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެމްއެމްއޭ އަށް ގިނަ އަދަދެއްގެ ފައިސާ ވެއްދި ކަމަށް ބުނެ ވާހަކަތައް ފަތުރާފައި ވަނީ، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި މާލެ އައި މަނަވަރުގައި ހުރި ހެލިކޮޕްޓަރުތަކަކާ ގުޅުވައިގެންނެވެ. ސަލްމާން ރަސްގެފާނުގެ ދަތުރުފުޅުގެ ރިހާސަލް އަށް، ސައޫދީ މަނަވަރުގެ ދެ ހެލިކޮޕްޓަރު ވަނީ މިދިޔަ ބުދަދުވަހު މާލޭގެ ޖުމްހޫރީ މައިދާނަށް ޖައްސައިފަ އެވެ.

ސައޫދީ ރަސްގެފާނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖެ އައި ދެ ހެލިކޮޕްޓަރު ރިހާސަލް އަށް މިދިޔަ ބުދަދުވަހު ޖުމްހޫރީ މައިދާނަށް ޖައްސަނީ: ހެލިކޮޕްޓަރުތަކަކުން ގެނައި ގިނަ އަދަދެއްގެ ފައިސާ އެމްއެމްއޭ އަށް ވެއްދި ކަމަށް ބުނެ ދައްކާ ވާހަކަތައް އެ ބޭންކުން މިރޭ ދޮގުކުރި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމުގެ ރޯގާއާ ގުޅިގެން ސަލްމާން ރަސްގެފާނުގެ ދަތުރުފުޅު މިއަދު ވަނީ ފަސްކުރައްވައިފަ އެވެ.

އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީ އާއި އެތަނުގެ މުވައްޒަފުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ސޯޝަލް މީޑިއާ އާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އާޅަނެ ކަމަށެވެ.

"ބައެއް ސިޔާސީ ފަރާތްތަކުން އޮތޯރިޓީއާ ގުޅޭގޮތުން ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތައް ދައްކަމުން ގެންދާތީ، އެކަމާ މި އޮތޯރިޓީން ނުހަނު ކަންބޮޑުވަމެވެ،" އެމްއެމްއޭގެ ބަޔާނުގައި ވެ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ: އެ އޮތޯރިޓީ އާއި އެތަނުގެ މުވައްޒަފުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ސޯޝަލް މީޑިއާ އާއި އެހެން ވަސީލަތްތައް ބޭނުންކޮށްގެން ފަތުރަމުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އާޅަނެ ކަމަށް އެމްއެމްއޭ އިން ބުނޭ.---މިހާރު ފައިލް ފޮޓޯ

އެ އޮތޯރިޓީން ބުނީ މިފަދަ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ދައްކަމުން ދަނީ ސިޔާސީ ބޭނުންތައް ހާސިލް ކުރުމަށް ކަމަށެވެ. އަދި އެމްއެމްއޭ އާއި ރާއްޖޭގެ މާލީ ނިޒާމާ މެދު އާންމުންގެ ހިތުގައި އޮންނަން ޖެހޭ އިތުބާރާއި މާލީ ނިޒާމުގެ ހަމަޖެހުން ނަގައިލުމަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެހެންވެ، ހަގީގަތެއް ނެތް އެފަދަ ދޮގު ވާހަކަތައް މީޑިއާތަކުން ނުފެތުރުމަށާއި އާންމުން އެފަދަ ދޮގު ވާހަކަތައް ގަބޫލު ނުކުރުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް ރޭ ހައްޔަރު ކުރުމާ ގުޅިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ތޮއްޔިބު ހައްޔަރު ކުރީ މިދިޔަ ބުދަދުވަހު ހެލިކޮޕްޓަރުތަކެއްގައި ގެނައި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު، އެމްއެމްއޭ އަށް ވެއްދި ކަމަށް ތުޙުމަތުކޮށް ޓްވީޓްތަކެއް ކުރި ފަހުންނެވެ.

އެހެންވެ، ނަޝީދު ވަނީ ސަރުކާރުން ހިންގަމުން އަންނަ މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ތޮއްޔިބު ވަގުތުން ދޫކޮށްލުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.