ކޮރަޕްޝަންގެ ތަހުގީގަށް އޭސީސީން ހޯމް މިނިސްޓްރީ އަށް ވަދެއްޖެ

ހިޔާނާތުގެ މައްސަލައަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯމް މިނިސްޓްރީ އަށް ވަދެއްޖެ އެވެ.


އޭސީސީން ހޯމް މިނިސްޓްރީ އަށް ވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ހޯމް މިނިސްޓްރީން މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ހުށަހެޅި މައްސަލައެއް އޭސީސީން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެ މައްސަލާގައި މީގެ ކުރިން ވެސް އޭސީސީން ވަނީ ހޯމް މިނިސްޓްރީ އަށް ވަދެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދައިފަ އެވެ.

މިނިވަން 50 އަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ފައިސާ ދޫކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރި އެވެ. އޭރު، ސަރުކާރުން ބުނެފައި ވަނީ މާލިއްޔަތު ގާނޫނުނގައިވާ ގޮތަށް ބީލަމަށް ނުލައި، މަސައްކަތްތައް ހަވާލުކުރީ، ތައްޔާރީތަކަށް އެހާ ވަގުތު ނެތުމުން ކަމަށެވެ.