އައްޑޫގައި އެކްސިޑެންޓްތައް ހިނގަނީ މަގުތައް ނުބެލެހެއްޓޭތީ: ކައުންސިލް

އައްޑޫގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަނީ މަގުތައް ގަވައިދުން މަރާމާތުކޮށް ނުބެލެހެއްޓޭތީ އާއި މަގުތަކުގެ ސަލަމާތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި އޮތުމުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.


އައްޑޫގައި މިދިޔަ ހޮނިހިރުދުވަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާ ދެމުން އަންނަނިކޮށް، މަރުވުމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެކްސިޑެންޓްތައް ހިނގައި މިސްމީހުންގެ ފުރާނަ ގެއްލެން މެދުވެރިވާ ސަބަބުތައް ހޯދައި އެކަމަށް ރައްކާތެރި ފިޔަވަޅު އެޅުމަކީ، ކަމާ ބެހޭ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކައުންސިލުން ބުނިގޮތުގައި، އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބު ހޯދައި ރައްކާތެރި ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން އެވެ.

އަދި ބުނީ މަރަދޫ ލިންކް ރޯޑްގައި ހޮނިހިރުދުވަހު ހިންގި އެކްސިޑެންޓުގައި އުމުރުން 29 އަހަރުގެ ޒުވާނާ މަރުވި ހާދިސާ އަށް ބަލާއިރު، އެ ކަން ހިނގައިފައި ވަނީ މަގުގައި ކޭބަލެއް ވަޅުމަށްޓަކައި ތާރުގަނޑު ކަނޑައި، ރަނގަޅަށް ފަސް އަޅައި އެއްވަރު ނުކޮށް އޮތުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

މަރަދޫ ލިންކް ރޯޑްގައި ބޮޑު ވަޅުގަނޑެއް ހެދިފައި: މި މަގުގެ ހާލަތު ވަރަށް ދަށް.

"ރަނގަޅު ފެންވަރަކަށް ހަދާފައިވާ ލިންކް ރޯޑް ހަލާކުވެ ބޮޑެތި ބާގަނޑުތައް ހެދިފައި އޮންނައިރު އެކަންކަން ރަނގަޅެއް ނުކުރެވެ އެވެ. ލިންކް ރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހުރުމުން އޭގެ ނުރައްކަލަށް މަގުން ދަތުރުކުރާ އެންމެން މި ވަނީ ހުށަހެޅިފަ އެވެ. ބާރު ސްޕީޑްގައި ދުއްވާ މީހާ އަށާއި ގަވާއިދާ އެއްގޮތަށް ދުއްވާ މީހާ ވެސް މެއެވެ." ބަޔާނުގައި ވެ އެވެ. ކައުންސިލުން ފާހަގަކުރި ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު 2015 ވަނަ އަހަރުން ފެށިގެން އައްޑޫގެ މަގުތައް ހައުސިން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

ހިތަދޫ ލިންކް ރޯޑްގައި އެމްއާރްޑީސީގެ މުވައްޒަފުންތަކެއް ސްޕީޑްބްރޭކަރެއް ހަރުކުރަނީ. ފޮޓޯ: އެމްއާރްޑީސީ

"އެހެން ނަމަވެސް ލިންކް ރޯޑް އެކަށީގެންވާ ގޮތަކަށް މަރާމާތު ނުކުރެވޭކަން ފާހަގަ ކުރެވެ އެވެ. އަދި ހަމަ އެހެންމެ މަގުމަތީގައި ކުރެވޭ މަސައްކަތްތަކަށާއި މަގު ކޮނުމުގެ މަސައްކަތްތަކަށް ހުއްދަ ދިނުމަކީ ވެސް އެ މިނިސްޓްރީން ކުރައްވާ މަސައްކަތެކެވެ." ބަޔާނުގައިވެ އެވެ.

"އެހެން ނަމަވެސް މަގުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ގަވާއިދުން ހުއްދަ ދީ ސުޕަވައިޒްކޮށް ނުބެލެހެއްޓޭކަން ވެސް ފާހަގަ ކުރެވެ އެވެ."

ބަޔާން ނިންމައިލަމުން ވަނީ އައްޑޫގެ މަގުތަކުގެ ހަލާކުވެފައިވާ ތަންތަން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަނގަޅުކޮށް ދިނުމަށް ހައުސިން މިނިސްޓްރީ އަށް އިލްތިމާސްކޮށްފަ އެވެ.

އައްޑޫގައި މި އަހަރުގެ މިހާތަނަށް ހިނގި އެކްސިޑެންޓްތަކުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.