މިނިވަން 50 އާ ގުޅޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އުމަރަށް

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކާ ގުޅޭ ތަފާތު މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލު ކުރުމުގައި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރުން ކޮށްފި އެވެ.


މިނިވަން 50ގެ ހަރަކާތްތަކުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯމް މިނިސްޓްރީއަށް މިއަދު ވަދެ، ތަހުގީގު ހިންގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، އެ މިނިސްޓްރީން ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ މިނިވަން 50ގެ ބައެއް މަސައްކަތްތައް ހަވާލުކުރީ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ، އޭނާ، ތުހުމަތުކުރެއްވި ގޮތުގައި، އޭރުގެ މިނިސްޓަރު ހޯމް މިނިސްޓަރު އުމަރުގެ ބެއްލެވުމުގެ ދަށުންނެވެ.

އަޒްލީން ވިދާޅުވީ އޭސީސީގެ އިތުރުން އޮޑިޓް އޮފީހުން ވެސް މިނިވަން 50 ގެ ކަންކަން ތަހުގީގުކުރަމުން އަންނައިރު، އެކި ފަރާތްތަކާ ބައެއް މަސައްކަތް ހަވާލުކުރީ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަން ތުހުމަތު ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި އަދަދުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މާލިއްުޔަތު ގަވާއިދާ އެއްގޮތަށް ނޫން ކަން ސާފުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ހަވާލު ކުރުމުގައި ކުރިން އަގު ނުހޯދައި، އެއްބަސްވުމެއް ނެތި މަސައްކަތް ހަވާލުކޮށްފައިވާ ކަން ވެސް އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި. އަދި މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާއި މާލީ ޒިންމާދާރުވެރިޔާގެ މަސައްކަތްތައް ބައިޕާސްކޮށް ސީދާ މިނިސްޓަރު ބޭނުންވާ ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވިފައިވާ ކަމުގެ މައުލޫމާތު ވެސް އަޅުގަނޑުމެންނަށް މިހާރު އެބަ ލިބެމުންދޭ،" އަޒްލީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސައްކަތްތައް ހަވާލުކުރުމުގައި ތަކުރާރުކޮށް، އެއްބަޔަކަށް ވަރަށް ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަން ވެސް ރިކޯޑުތަކުން ދަނީ ފެންނަމުންނެވެ. އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަގުގައި ހިދުމަތާއި ތަކެތި ހޯދާފައިވާ ކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިވަން 50 ގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ، އުމަރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ކޮމެޓީއެއް އެކުލަވާލައި ރައީސް އޮފީހުގެ ހާއްސަ ބެލުމުގެ ދަށުންނެވެ. އެކަމަށްޓަކައި ވަޒީރުންގެ ކޮމެޓީއެއް ވެސް އޮތީ އެކުލަވާލައިފަ އެވެ. މިނިވަން 50 ގެ ޖާފަތުގެ ކޮރަޕްޝަނާ އެކު ހާމަކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން އެކުލެވޭ ގޮތަށް މަސައްކަތްތައް ހަވާލުކުރި ކަމަށް ވަރަށް ބޮޑެތި ފާޑުކިއުން އަމާޒުކުރުމުން އޭރު ސަރުކާރުން އެކަން ދިފާއުކުރި އެވެ.

މިނިވަން 50އާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރިން އެ ސުވާލު ކުރުމުން، އޭރު މިނިވަން 50 ކޮމެޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ އެއްވެސް މަސައްކަތެއްގައި ކޮރަޕްޝަން ނޯންނާނެ" ކަމަށެވެ. މާލިއްޔަތު ގަވާއިދާ ހިލާފަށް، ބީލަމަށް ނުލައި މަސައްކަތްތައް ހަވާލުކުރީ، ތައްޔާރީތަކަށް ވަގުތު ނެތުމާއެކު ބީލަމަށް ނުލައި ހަވާލުކުރުމަކީ މައްސަލައެއް ނޫން ކަމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ލިބިފައިވާތީ ކަމަށެވެ.

މިނިވަން 50 ގެ މަސައްކަތްތައް ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައި ނުވާނެ ކަން ދިފާއުކުރުމަށް ފަހު، މިހާރު މައްސަލައިގެ ކޮރަޕްޝަން ހިމެނޭ ކަމަށް ވިދާޅުވަނީ އުމަރަށް އަމާޒުކޮށްގެންތޯ ދެންނެވުމުން، މިނިސްޓަރު އަޒްލީން ވިދާޅުވީ "މި ޕްރެސްކޮންފަރެންސްގެ ބޭނުމަކީ ވަކި މީހަކަށް ތުހުމަތުތަކެއް ކުރުމެއް ނޫން" ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކޮށްފައިވާ ކަންކަންކުގައި ދެފުށް ފެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ވަޒީރު ކަމުގައި ކޮންމެ ބޭފުޅަކު ހުއްޓަސް، އަދި އަޅުގަނޑު ހުއްޓަސް އެއްވެސް ހާލަތެއްގައި ދިވެހިރާއްޖޭގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ ހިލާފަށް ކަންތައްތަކެއް ކުރުމުގެ ބާރުވެރިކަމެއް އެއްވެސް ވަޒީރަކަށް ނޯންނާނެ،" އަޒްލީން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަޒްލީން މިއަދު ނޫސްވެރިންނާ ވާހާކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާގެ ހޯމް މިނިސްޓަރު ކަމުގެ ދަށުގައި، ހޯމް މިނިސްޓްރީން އެއްވެސް ކަމެއް ގާނޫނާ ހިލާފަށް ހިނގިޔަ ނުދެއްވާނެ ކަމަށާއި އެ ނޫން ގޮތަކަށް ކަމެއް ހިނގާފައި އޮތް ނަމަ، އޭރަކު ހުންނެވި ވަޒީރަކު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އަޒްލީން ވިދާޅުވި އެެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން 50 އަށް ހޭދަކުރި ބޮޑު ބަޖެޓުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައި ވަނީ ކިހާ ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ. އެކަން މުޅިން ސާފުވާނީ، އޭސީސީ އާއި އޮޑިޓް އޮފީހުގެ ތަހުގީގު ނިމުމުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

އެ ތަހުގީގުތައް ނިމޭއިރު، ދައުލަތުގެ ހާއްސަ ހުއްދަ ލިބިގެން ހޭދަކޮށްފައި ވަނީ ކޮން މަސައްކަތްތަކަކަށްތޯ އަދި ގަވާއިދާ ހިލާފަށް ހިންގާފައި ވަނީ ކޮން ކަންކަމެއްތޯ އެނިގެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އުމަރު ނަސީރަށް ކޮރަޕްޝަންގެ ތުހުމަތު ކުރިއިރު، ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވާނެ ކަން އިއުލާން ކުރައްވައި، އޭނާ ގެންދަވަނީ މި ސަރުކާރަކީ ރާއްޖެ މިހާތަނަށް ދުށް އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުގައި އޭނާ ހުންނެވިއިރު މި ސަރުކާރުން ކޮރަޕްޝަން ހިންގި ނަމަވެސް އުމަރު ތަކުރާރުކޮށް ވިދާޅުވެފައި ވަނީ "އޭނާ ހުންނެވީ ހުދު ވަލުގައި ހިފަހައްޓަވައިގެން ކަމަށާއި އެ ވަލުގައި ލައްގަނޑެއް ޖެހިފައި ނޯންނާނެ" ކަމަށެވެ.