އެމްޑީޕީގެ ކެންޑިޑޭޓް ހައްޔަރު ކުރީ މަސްތުވާތަކެތީގެ މަައްސަލައެއްގައި

އެމްޑީޕީގެ ފަރާތުން ތ. ވިލުފުށީ ރަށު ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކު މަސްތުވާތަކެތި ގެންގުޅޭކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަލާމްގެ ދަބަހެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ. ވިލުފުށީ އެމްޑީޕީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ހަވީރު 5:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ހުސެއިން އަބްދުއްސަލާމް ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

އެކަމަކު އެ ބަޔާނުގައި ބުނީ އެއީ އަންނަ މެއި ހަ ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، އެ ޕާޓީގެ ކެންޑިޑޭޓުންގެ އަގު ވައްޓާލުމަށް ބަޔަކު އަޑީގައި ތިބެގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އެހެންކަމުން ވަގުތުން އޭނާ ދޫކޮށްލަން އެ އޮފީހުން ވަނީ ގޮވާލައިފަ އެވެ.

ވިލުފުށީ އެމްޑީޕީން ބުނީ އެ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އަންގަވައިގެން ކަމަށް ބުނެ އެމްޑީޕީ ކެންޑިޑޭޓުންނަށް ހުށަހެޅުންތައް ހުށަހަޅަައި ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށާއި އެފަދަ އަމަލުތަކަކީ ޑިމޮކްރަސީއާ ބީރައްޓެހި އަދި ނާތަހުޒީބު އަމަލުތަކެއް ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

"މިފަދައިން ހިންގަމުން ގެންދާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި މަސައްކަތްތަކަކީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ނެތުމުން ވާދަވެރިން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމުގައި ފާހަގަ ކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

މި ދައުރުގެ އެ ރަށު ކައުންސިލްގެ ރައީސް އަދި ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް ހުސެއިން ޖަބީންގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެއް ކޮށްފައިވާ ކަމަށާއި އެއީ ކައުންސިލަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލި ކެންޑިޑޭޓުންގެ ތާއީދު ނެތުމުން، ވާދަވެރިން ނައްތާލުމަށް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"މި ފުރުސަތުގައި ބޭއިންސާފު ނުހައްގުން ވާދަވެރިން ނެތިކޮށްލުމުގެ ބަދަލުގައި، ވާދަވެރި ކެމްޕޭނެއްކޮށް މިނިވަން އިންތިހާބެއްގައި ވާދަކުރުމަށް އަޑުހަރުކޮށް ޕީޕީއެމަށާއި ޕީޕީއެމްގެ ޕީޖީގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރުރިޔާޒު ރަޝީދަށް ގޮވާލަމެވެ،" ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.