ފަސްޓްލޭޑީ އާ ބެހޭ ގޮތުން ދޮގު މައުލޫމާތު ދޭ ކަމަށް ބުނެ ނާޒިމް ސައްތާރު ޕޮލިހަށް ހާޒިރުކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އާ ބެހޭ ގޮތުން ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތުދީ، އަދި މައުލޫމާތު ފަތުރާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރު ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.


ނާޒިމް އާ ފުލުހުން ހަވާލުކުރި "ކުށެއްގެ ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ފޯމް" ގައި ވާ ގޮތުން، އޭނާގެ މައްޗަށް ކުރަނީ، ފަސްޓް ލޭޑީ ފާތުން ސިންގަޕޫރުން މާލެ އަށް ގިނަ އަދަދެއްގެ ފައިސާ ހިއްޕަވައިގެން ވަޑައިގަންނަވާ ކަމަށް ބުނެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ މައްސަލަ އެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެކަމާ ގުޅޭ ގޮތުން ދޮގު ރިޕޯޓްކޮށް، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތު ފަތުރާ ކަމަށް ވެސް ނާޒިމްގެ މައްޗަށް ފުލުހުން ތުހުމަތު ކުރެ އެވެ.

މި މައްސަލާގައި ފުލުހުން ބުނީ ނާޒިމް ފުލުސް އޮފީހަށް ހާޒިރުކޮށް، އޭނާގެ ބަޔާން ނަގާފައިވާ ކަމަށެވެ.

ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ ނާޒިމް ފުލުހަށް ހާޒިރުކުރިއިރު، ސޯޝަލް މީޑިއާ އެކްސްޓިވިސްޓުން ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) މިދިޔަ ހަފުތާގައި ފުލުހަށް ހާޒިރުކޮށް، އޭނާގެ ފޯނު ތިން މަސް ދުވަހަށް ވަނީ ހިފަހައްޓައިފަ އެވެ. އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބު ޝަހީމް ވަނީ ހައްޔަރުކޮށްފަ އެވެ.