މާލޭގައި މިއަދުވެސް ވަޅި ހަރައި މީހަކު ޒަހަމްކޮށްލައިފި

މާލޭގައި މިއަދުވެސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.


ފުލުހުން ބުނީ މިއަދު ހަވީރު 4:00 ހާއިރު ޖަނަވަރީމަގުގައި ހިންގި މާރާމާރިއެއްގައި، ތޫނު އެއްޗަކުން ހަމަލަދީ ޒަހަމްކޮށްލި މީހަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ސީރިއަސްކަމެއް އަދި ނޭނގެ އެވެ.

ރޭ ވެސް މާލޭގެ ނޫރު މިސްކިތް ކައިރީގައި ވަނީ ވަޅިން ހަމަލަދީ މީހަކު ޒަހަމްކޮށްލައިފަ އެވެ. އުމުރުން 21 އަހަރުގެ އެމީހާގެ ބޮލުން ދެ ތަނަކަށާާއި އަތަށް ދިން ސީރިއަސް ހަމަލައަށް މިހާރު ވެސް އޭޑީކޭގައި އަންނަނީ ފަރުވާ ހޯދަމުންނެވެ. އެ މައްސަލާގައި އުމުރުން 16 އަހަރާއި 17 އަހަރުގެ ކުއްޖެއްގެ އިތުރުން 18 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މާލޭގައި ވަޅި ހެރުން މިދުވަސްވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ހިންގި ގުރޫޕް މާރާމާރިއެއްގައި އުމުރުން 14 އަހަރުގެ ދެ ކުދިން ވަނީ މަރާލައިފަ އެވެ. އަދި އޭގެ ތެރެއިން އެއް ކުއްޖަކު މަރާލި މައްސަލާގައި ކުޑަކުއްޖަކާއި މީހަކު ހޯދަން ފުލުހުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ފާތިރުގެ މަރުގެ މައްސަލާގައި ހޯދަމުން އަންނަ އިބާދަތު (ކ) އާއި އިރުފާން. --ފޮޓޯ: ޕޮލިސް

ފާތިރު މުހައްމަދު މަރާލި މައްސަލާގައި ހޯދަން މިއަދު ފުލުހުން އިއުލާންކުރީ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު 15، އާއި މާލެ، މ. ކުރިރުއް، އިރުފާން ރުޝްދީ، 21، އެވެ. އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.

ފާތިރު މަރާލީ ވައިކަންމައްޗާއި އީގަލްސް ގުރޫޕުން ހިންގި މާރާމާރީގައި ކ. ކާށިދޫ، އަހްމަދު އިރުޝާން މަރާލި މައްސަލާގައި ބަދަލުހިފުމުގެ ގޮތުންނެވެ. ފުލުހުން ބުނެފައި ވަނީ މާރާމާރީގައި މަރުވި ދެ ކުދިން ވެސް އަމަލީ ގޮތުން މާރާމާރީ ހިންގަން ބައިވެރިވި ކަމަށެވެ. މާރާމާރީއާ ގުޅިގެން ކުޑަކުދިންތަކެއް ވަނީ ހައްޔަރުކޮށްފަ އެވެ.

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ