މަސީހުގެ ވޯޓު ކާމިޔާބު ކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: މުބީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އަންނަ ހޯމަދުވަހު ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓް އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ނުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށާއި އެ ވޯޓު ސަރުކާރަށް ކާމިޔާބު ކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށް ޕީޕީއެމްގެ ފ. ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާގެ ޓްވިޓާގައި ޕޯސްޓް ކުރި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، މަސީހު މަގާމުން ދުރުކުރުމަށް ނަގާ ވޯޓު ކާމިޔާބު ނުކުރެވޭނެކަން އިދިކޮޅު ފަރާތްތަކަށް ވެސް އެނގޭނެ ކަމަށެވެ.

"އެ ވޯޓަކީ ކާމިޔާބު ކުރެވޭނެ ވޯޓެއް ނޫންކަން އަޅުގަނޑުމެންގެ ހުރިހާ އެންމެންނަށް ވެސް އެނގޭ. [އަޅުގަނޑުމެން] މިތިބީ ވަރަށް ފާމްކޮށް، ރައްޔިތުންނާ އެކުގައި،" މުބީން ވިދާޅުވި އެވެ.

"ރައްޔިތުންގެ ވިންދެއް ނެތް މިއަދު މަސީހު ބޭރުކޮށް އަނެއްކާ ވެސް ގައުމުގައި އޮތް އަމާންކަން ގެއްލި، ސުލްހަވެރިކަން ގެއްލި، މާލޭގެ މަގުތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސުލްހަވެރިކަން ގެއްލި، މި ހުރިހާ ސަކަރާތެއް ޖަހާކަށް ރައްޔިތުން ބޭނުމެއް ނެތް."

އޭނާ ވިދާޅުވީ މަސީހުގެ މައްޗަށް ނަގަން އުޅޭ ވޯޓްގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އަމާންކަން ނަގާލައި، ގައުމު ހަލަބޮލިކޮށްލުން ކަމަށެވެ.

މުބީންގެ ޓްވީޓް.

"ހަލަބޮލިކޮށްލަން އުޅޭ މީހުންގެ ވިސްނުން އަބަދު ވެސް ހުންނާނީ ހަލަބޮލި ކުރުމަށް،" މުބީން ވިދާޅުވި އެވެ.

އޭނާ ތަކުރާރުކޮށް ވިދާޅުވީ ވޯޓް ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަމާ ދޭތެރޭ އެއްވެސް ޝައްކެތް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އެމްޕީންނަށް ވެސް ރައީސުލްޖުމްހުރިއްޔާ އަށް ވެސް އަދި ރައްޔިތުންނަށް ވެސް ޑައުޓެއް ނެތް. ދެން ކޮން ކަމަކާތޯ ކަންބޮޑުވާންވީ؟" މުބީން ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ގެރެންޓީ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ލަދެއް މި ނެގޭ ވޯޓުން ދައްކާލާނެ."