ރާއްޖޭން ދިޔަ ޖެޓެއް އެހެން ބޯޓެއްގެ އިންޖީނުން އުފެދުނު ވައިގެ ސަބަބުން ފުށުން ޖެހި ސަލާމަތްވީ ކިރިޔާ

ޓޫރިސްޓުންގެ ބަޔަކު ގޮވައިގެން ރާއްޖޭން ފުރައިގެން ދިޔަ ޖަރުމަނުގެ އެގެޒެކަޓިވް ޕްރައިވެޓް ޖެޓެއް އެމިރޭޓްސްގެ އެއާބަސް އޭ380 އަކާ މާ ކައިރިން ދިއުމުން، އޭގެ ވޭކް ޓާބިއުލަންސް (އިންޖީނުން އުފައްދާ ބާރުގަދަ ވައި)ގެ ތެރޭ އެފުށްމިފުށަށް ޖެހި 10،000 ފޫޓު ތިރިއަށް ވެއްޓުނު ފަހުން އާދަޔާ ހިލާފް ގޮތަކަށް ސަލާމަތްވެއްޖެ އެވެ.


މިކަން ހިނގާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް ވައިގެ ދަތުރުފަތުރާ ބެހޭ ކަންކަން ތަހުގީގުކުރާ އިދާރާތަކުން މިހާތަނަށް އެކަން އޮތީ ހާމަ ނުކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި، ޖެޓުގައި އިން އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނެވެ.

ވޭކް ޓާބިއުލަންސަކީ ބޮޑެތި މަތިންދާބޯޓުތަކުގެ އިންޖީނާއި ފިޔަގަނޑުގެ ކޮޅު ނުވަތަ ވިންގްޓިޕުން އުފައްދާ ވައިގެ ގަދަފަދަ އޮއިވަރެކެވެ. ބޯޓު ދަތުރުކޮށްފައި ދިއުމަށް ފަހު އިރުތަކެއް ވަންދެން މި ބާރު ވައިގެ ތެރޭގައި ހުރެ އެވެ. މިއީ ޕައިލެޓުންނަށް އަދި ރާޑަރަށް ވެސް ދެނެގަނެވޭ ކަމެއް ނޫނެވެ.

އެއާބަސް އޭ380ގެ އިންޖީނުގެ ވައިގެ ތެރޭގައި ފުށުންޖެހުނު ޖެޓަށް ލިބިފައި ހުރި ބައެއް ގެއްލުންތައް

ޖަރުމަނުގެ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާއިން މިކަން ތަހުގީގުކުރަމުން އަންނާތީ، ޖެޓްގެ އޮޕަރޭޓަރު މިކަމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ފްލައިޓްގްލޯބަލް އިން ބުނި ގޮތުގައި އެ ޖެޓް ވައިިގެ ތެރޭގައި ތިން ފަހަރު ފުށުންޖެހުނެވެ. ޖެޓު އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށާއި ހާދިސާއަށް ފަހު ޖެޓް އިމަޖެންސީގައި ޖެއްސީ އޮމާންގެ މުސްކަޓްގައި ކަމަށް ވެސް ފްލައިޓްގްލޯބަލް އިން ބުންޏެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ޖަރުމަނުގެ ބާލިންއަށް ދިޔަ ބަޔަކާ އެކު ޖެޓަށް މި ހާދިސާއާ ކުރިމަތިވީ އެރެބިއަން ސީއާ ދިމާލުގައި އޮއްވަ އެވެ. ނޫހުގައި ބުނި ގޮތުގައި ޖެޓް ދިޔަ ކޮޅު ނޫން އަނެއް ކޮޅުން އައި އެމިރޭޓްސްގެ ބޯޓު ޖެޓްގެ މަތިން ދިއުމާ އެކު ޖެޓް ވައިގެ ތެރޭގައި އެނބުރެން ފެށި އެވެ. ބައެއް ފަސިންޖަރުން ޖެޓް ތެރޭގައި އެތަންމިތަނަށް ވެއްޓެމުން ދިޔައީ ކަރުދާސްކޮޅުތަކެއްހެން ކަމަށް ނޫހުގައި ސިފަކޮށްފައިވެ އެވެ.

ފަސިންޖަރުން އުފުލާ އެންމެ ބޮޑެތި ބޯޓު ކަމަށްވާ، ހަތަރު އިންޖީނުލީ އޭ380 ދިޔައީ ޖެޓްގެ 300 މީޓަރު މަތިންނެވެ. ނަމަވެސް ބޮމްބާޑިއާ ޖެޓަށް އޭ380ގެ އިންޖީނުގެ ވައިގެ އަސަރު ވަރަށް ބޮޑަށް ކޮށް އެނބުރެމުން ތިރިއަށް ވެއްޓެން ދިޔައީ އެވެ.

މި ހާދިސާއަށް ފަހު އޭވިއޭޝަން އިދާރާތަކުން ވަނީ ބޮމްބާޑިއާ ޗެލެންޖާ މަރުކާގެ ޖެޓްތައް އޮޕަރޭޓްކުރާ މީހުންނަށް އޭ380 ގެ ހަތަރު އިންޖީނު އެޅި ބޯޓުތަކުގެ ވޭކް ޓާބިއުލެންސާ ބެހޭ ގޮތުން އާ ގައިޑްލަނެއް ނެރެފަ އެވެ.