ފިޔާޒް ދައުވާ އަށް އިންކާރު، ހެކިންގެ ގޮތުގައި ހަތް ނޫސްވެރިއެއް

ފުލުހެއްގެ ގައިގައި އަތް ލި ކަމަށް ބުނެ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރުކޮށް، ދިފާއުގައި ހަތް ނޫސްވެރިއަކު ހެކިންގެ ގޮތުގައި މިއަދު ހުށަހަޅައިފި އެވެ.


މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު މުލިއާގެ ކައިރިން ފެނުނު ގޮވާ އެތި، ނުގޮވާ ގޮތް ހެދުމަށް ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ފިޔާޒަށް ދައުވާކުރަނީ ގައިގައި އަތް ލުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ފިޔާޒް ވަނީ އެ ދައުވާ އަށް އިންކާރުކޮށް، އެފަދަ ކަމެއް ނުކުރާ ކަން ސާބިތުކުރުމަށް ހަތް ނޫސްވެރިއަކާއި އެ ދުވަހު ރާއްޖެ ޓީވީގެ ލައިވް ކަވަރޭޖް ހުށަހަޅައިފަ އެވެ. ނޫސްވެރިންގެ ތެރޭގައި ހިމެނެނީ އެވަގުތު ފިޔާޒާ އެކު އެތަނުގައި ހަރަކާތްތެރިވި އެކި މީޑިއާތަކުގެ ނޫސްވެރިންނެވެ.

ފިޔާޒާ ދެކޮޅަށް ވެސް ދައުލަތުން މިއަދު ވަނީ ތިން ފުލުހެއްގެ ނަން ހުށަހަޅައިފަ އެވެ. އެއީ ފިޔާޒު ޖެހި ކަމަށް ބުނާ ފުލުސް މީހާ އާއި ޖެހި މަންޒަރު ފެނުނު ކަމަށް ބުނާ ދެ ފުލުހެކެވެ.

ފިޔާޒްގެ އިތުރުން ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިއަކަށް ވެސް އެރޭގެ ހާދިސާއާ ގުޅިގެން ދައުވާ ކުރެ އެވެ. އެކަމަކު އެ ދެ މީހުންގެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.