ޖަވާބުދާރީވާން މަސީހަށް 30 މިނެޓު، ބަހުސަށް ދެ ގަޑިއިރު ދޭން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް އެމަނިކުފާނަށް 30 މިނެޓު ދިނުމަށް އާންމު ކޮމެޓީން މިރޭ ނިންމައިފި އެވެ.


އާންމު ކޮމެޓީގެ މުގައްރިރު އަދި ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފް ވިދާޅުވި މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރުމުގެ މައްސަލަ އަށް ޖުމްލަ ދެ ގަޑިއިރުގެ ބަހުސެއް ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދޮޅު ގަޑިއިރަކީ މެމްބަރުންނަށް ވާހަކަ ދައްކަވަން ލިބޭ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ކޮމެޓީން ނިންމާފައި ވަނީ މީގެ ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތަށް މަސީހު ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ ބަހުސް ފެށުމާއެކު، އެމަނިކުފާނަށް 10 މިނެޓުގެ ފުރުސަތެއް ދިނުމަށެވެ. އަދި ބަހުސްގެ މެދު ތެރެއިން އެމަނިކުފާނަށް 10 މިނެޓު ދޭން ނިންމިއިރު، ބަހުސް ނިމުމާއެކު އެމަނިކުފާނަށް އިތުރު 10 މިނެޓު ލިބިވަޑައިގަންނަވާ ގޮތަށް އާންމު ކޮމެޓީން ވަނީ ނިންމައިފަ އެވެ.

"ބާކީ ދޮޅު ގަޑިއިރު އޮންނާނީ، އެ ވަގުތަކީ ސިޔާސީ ޕާޓީތަކާއި އެހެން މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުސަތު ލިބޭނެ،" އާރިފް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވަގުތު ކަނޑައަޅާފައި މިވަނީ ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުގެ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ 26 މެމްބަރުންގެ ސޮޔާއެކުގަ އެވެ.

މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެ މަގާމުން މަސީހު އިސްތިއުފާ ދެއްވުމަށް މަޖުބޫރުވާނެ އެވެ.

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމުގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގެ ވިސްނުން ވެސް އައީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފެކްޝަންގެ ތެރެއިން ކަމަށް ވެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަނީ އެ ވޯޓު ނާކާމިޔާބުކޮށްލާނީ ފަސޭހަކަމާއެކު ކަމަށެވެ.