މަސީހު މަގާމުން ގެއްލުވާލަން އުޅެނީ ޖެއްސުން ކުރަން: ޕީޕީއެމް/އެމްޑީއޭ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ގެއްލުވާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުން ކުރަން ކަމަށާއި ބޭނުމަކީ ސަރުކާރުގެ ތެރޭގައި އެއްބައިވަންތަކަން ނެތްކަން ދެއްކުން ކަމަށް ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ދެންމެ ބުނެފި އެވެ.


ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ޕީޕީއެމް/އެމްޑީއޭގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ޕްރެސް ކޮންފަރެންސެއްގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ ރާއްޖެ އަށް އަންނަ ކުރިއެރުންތަކާ ހެދި ހަސަދަވެރިވެ، ދެން ތިބޭ ސިޔާސީ މީހުން އެކަމާ ބިރުގަންނަނީ ކަމަށެވެ. އެހެންވެ މިހާރުން މިހާރަށް ވެރިކަން ވައްޓާލުމުގެ ވިސްނުން އިދިކޮޅު ފަރާތްތަކުން ގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސީހުގެ ވޯޓު އިރާދަކުރެއްވިއްޔާ އިދިކޮޅު މީހުންނަށް ކާމިޔާބެއް ނުވާނެ. އިރާދަކުރެއްވިއްޔާ 2018 ގައި ވެސް މި އިންތިހާބު ކާމިޔާބު ކުރާނެ ވާހަކަ ދަންނަވަން،" ސިޔާމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ، މި ނިއުސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ އަދަދަށް ބެލިކަމުގައި ވިޔަސް، މަސީގެ މަގާމު ނުގެއްލޭނެކަން އިދިކޮޅު ފަރާތްތަކަށް އެނގޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ގައުމުގެ ކޮންމެ ދަރިއަކު އުފާވާނެ ނަތީޖާއެއް އެ ދުވަހު އަޅުގަނޑުމެން ނެރެދޭނަން. އިރާދަކުރެއްވިޔާ 27 ވަނަ ދުވަހު އިރާދަކުރެއްވިއްޔާ އިދިކޮޅު ފަރާތްތައް ބަލިވާނެ،" އޭނާ ވިދާޅުވި އެވެ.

ނިހާން ފާހަގަކުރެއްވި ގޮތުގައި މި ނިއުސް ކޮންފަރެންސްގައި އެކަނި ވެސް ޕީޕީއެމް/އެމްޑީއޭގެ 42 މެމްބަރަކު އެބަތިއްބެވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވިދާޅުވީ ބައެއް މެމްބަރުން މިވަގުތު މާލޭގައި ނެތް ކަމަށެވެ. އަދި ސިއްހީ ސަބަބަކާ ގުޅިގެން ނިއުސް ކޮންފަރެންސަށް ވަޑައިނުގެންނެވުނީ އެންމެ މެމްބަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެ އިން ބޭރުގައި މިވަގުތު ތިއްބެވި ބޭފުޅުން ވެސް މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ އެމްޑީޕީގެ އުފެދުމަކީ ވެސް "ހަމަނުޖެހުން" ކަމަށާއި މިއަދު ވެސް ފެންނަނީ އެކަން ކަމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިހާ ދުވަހަކު ވެރިކަމުގެ "ވަސް" ވެސް އިދިކޮޅު ފަރާތްތަކަށް ނެތުމަކީ މައިގަނޑު މައްސަލަ ކަމަށެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ހޯމަދުވަހުގެ ވޯޓުން މަސީހް ސަލާމަތް ކުރާނީ އިދިކޮޅު ފަރާތްތަކުގެ ވެސް ވޯޓާއެކު ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ހޯމަދުވަހު ލިބޭނީ ގިނަވެގެން 12 ވޯޓު ކަމަށެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަނަށް އޮތް އެންމެ ބޮޑު އުފަލަކީ އިދިކޮޅު ފަރާތްތަކުގެ ވޯޓު މަސީހާ އެއްކޮޅަށް ހޯމަދުވަހު ލިބުން ކަމަށެވެ.

މި ނިއުސް ކޮންފަރެންސްގައި ޖޮއިންޓް ޕާމެންޓްރީ ގުރޫޕުގެ މެމްބަރުން ގެންދަވަނީ މަސީހާ އެއްކޮަޅަށް ވަކިވަކިން ޝުއޫރު ފާޅުކުރައްވަމުންނެވެ.