މެމްބަރުންނަށް ދައްކާނެ ބިރެއް ނެތް: ނިހާން

ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުންނަށް ސަރުކާރުގެ ތެރެއިން ދައްކާނެ ބިރެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމުގެ ވޯޓު، ވަކިވަކި މެމްބަރުން ކައިރީގައި އަހައިގެން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔައީ އެ މެމްބަރުންނަށް ބިރު ދައްކަން ކަމަށާއި އޭގެ މާނަ އަކީ އެ ބޭފުޅުންނަށް އިތުބާރު ނެތުން ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ނިހާން "މިހާރު" އަށް ވިދާޅުވީ އެފަދަ ކަމެއް ސަރުކާރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ތެރޭގައި ވެސް ނެތް ކަަމށެވެ.

"އިއްޒަތްތެރި މެމްބަރު އަމީތު ވެސް [ޕީޕީއެމުން] ދިޔައީ ނޫންތޯ؟ ރޭ ދަންވަރާ ހަމައަށް އޭނާ އަށް ބިރު ދެއްކީ ކާކުތޯ؟ މެމްބަރުން ކޮންކަމަކާތޯ ބިރު ގަންނަންވީ؟ ބިރު ދައްކާ ކަމަށް ބުނެ [އިދިކޮޅު ފަރާތްތަކުން] ތަރުޖަމާއެއް އެ ކުރަނީ. އިތުބާރު ނުކުރެވޭ މެމްބަރުން އެ ތިބީ [ޕީޕީއެމުން] ދުރަސް ގޮސްފައި ނޫންތޯ؟،" ނިހާން ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު އޮތް ކަމަށް ވެރިކަންކުރާ ޕީޕިއެމްގެ ކޯލިޝަނުން ފާސްކުރީ 48 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ވޯޓުގައި އިދިކޮޅު މެމްބަރުން ބައިވެރިއެއް ނުވެ އެވެ.

މިއަދުގެ ވޯޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުގެ ތެރެއިން އެކިއެކި މެމްބަރުންނަށް ފިއްތުންތައް ކުރިމަތިކޮށްފައިވާ ކަމަށާއި މަސީހާ އެއްކޮޅަށް ފާސްވި ވޯޓު މިނިވަން ނޫން ކަމަށެވެ.

ނިހާން ވިދާޅުވީ ވަކިވަކިން މެމްބަރުންނާ ސުވާލުކޮށްގެން މަސީހުގެ އިތުބާރު އޮތްތޯ ބެލުމުގެ ވޯޓު ނެގިއިރު، އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން ބައިވެރި ނުވީ ވެސް ބިރުން ކަމަށެވެ. އަދި އެގޮތަށް ވޯޓު ނެގުމަކީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގައި އޮޅިގެން ވޯޓު ދެއްވާ މެމްބަރުންނަށް އޮތް ހައްލެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިކަހަލަ ހައްސާސީ ވޯޓުތަކުގައި މެމްބަރުން ކައިރީގައި ވަކިވަކިން އަހައިގެން ވޯޓު ނެގުމަކީ އެންމެ ރަނގަޅު ގޮތެއް. އަޅުގަނޑުގެ ސުވާލަކީ އެހާ ވަރުގަދަ އަށް ގަދަބަސް ވިދާޅުވި [އިދިކޮޅު] ބޭފުޅުން ރޯލް ކޯލް އަށް ވަޑައިނުގަތީ ކީއްވެގެންތޯއޭ؟ ކާމިޔާބުވާކަން އެނގިވަޑައިގަންނަވާ ނަމަ ހަމަ ޗެމްބަރުގައި ތިއްބަވަންވީ ނޫންތޯއޭ؟ މަސީހުގެ އިތުބާރުގެ މައްސަލާގައި އަޅުގަނޑުމެން ނޫނެކޭ ބުނިގޮތަށް ހަމަ އިދިކޮޅު ފަރާތްތަކުން ވެސް އާއެނކޭ ވިދާޅުވީމަ ނިމުނީ ނޫންތޯ،" ނިހާން ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލިހުގެ ތަޅުމުގައި ތިބި ނަމަ އަޅުގަނޑުމެންނާ އެއްކޮޅަށް އޭގެ ތެރެއިން ވޯޓު ދެއްވާނެ ތިން މެމްބަރަކު ތިއްބަވާނެ. އެކަން އިދިކޮޅު ފަރާތްތަކަށް ވެސް އެނގޭ. ރޯލްކޯލް ވޯޓަކަށް ދާން އަޅުގަނޑު ހުށަހެޅީމާ އިދިކޮޅު ފަރާތްތަކަށް ލިބުނީ ވަރަށް ބޮޑު ޝޮކެއް. އެކަން ވަރަށް ސާފުކޮށް އެނގިގެން ދިޔަ."

ނިހާން ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، ޕީޕީއެމްގެ ބައެއް މެމްބަރުންނަށް "ވަރަށް ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުންދާކަން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް" ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނިހާން ނުދެއްވި އެވެ.

"އެފަދަ ކަންތައްތަކުގައި ސީދާ ރައީސް މައުމޫން އިސްވެ ބައިވެރިވެވަޑައިގެންފާނެ ކަމަށް ގަބޫލެއް ނުކުރެވޭ. މައުމޫން އަޅުގަނޑުމެންގެ ވައިބަ ގުރޫޕުގައި އުޅުއްވިއިރު ވެސް އެފަދަ ކަންތައްތަކުގައި ދީނީ، ބޮޑެތި ނަސޭހަތްތައް ވެސް ދެއްވާނެ،" އޭނާ ވިދާޅުވި އެވެ.

މެމްބަރުން ކައިރިން ވަކިވަކިން އަހައިގެން ވޯޓު ނެގި މައްސަލާގައި ނިހާން ވިދާޅުވި ގޮތުގައި އެގޮތަށް ހުށަހެޅުއްވީ މަޖިލިހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމާ މެދު ބަޔަކު ސުވާލުތަކެއް އުފައްދާތީ އެވެ. އަދި މެމްބަރުން ކައިރިން ވަކިވަކިން ވޯޓަށް އަހަން ފެނޭތޯ ބެލުމަށް އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުންކުރުމުން އެކަން އިތުރަށް ކަށަވަރުވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"މަޖިލިހުގެ ރިޔާސަތުގައި އިންނެވި މޫސާ މަނިކާއި މަހްލޫފްގެ މޭޒު އެ ހުންނަނީ އެމްޑީޕީގެ މެމްބަރުންތަކަކާ ކައިރީގައި. އެތަނުގައި އަޅުގަނޑުމެންގެ މެމްބަަރުންނެއް ނުތިއްބަވާނެ. މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކާއި މަހްލޫފުގެ ވޯޓިން ސިސްޓަމުން ވޯޓުލާފައިވާ ކަން މި ސާފުވީ. އެ ސިސްޓަމްތަކާ ކުޅުނު މަންޒަރު ވަރަށް ރީއްޗަށް މިއޮތީ ފެނިގެން ގޮސްފައި. މަޖިލިހުގެ އިދާރީ މޭޒުން މެމްބަރެއްގެ ވޯޓަކާ ނުކުޅެވޭނެ. ވޯޓިން ސިސްޓަމަށް ކާޑު ޖަހާފައި އެއަށް ފިތައިގެން ކަމެއް ވާނީ. އެހެންވީމާ ކޮންމެވެސް ބަޔަކު އެ ދެ ސިސްޓަމާ ކުޅުނުކަން އެބަ ސާފުވޭ،" ނިހާން ވިދާޅުވި އެވެ.

އިލެކްޓްރޯނިކް ވޯޓިން ސިސްޓަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް، ރޯލްކޯލް ވޯޓަށް ދާން ފެނޭތޯ ބެލުމަށް އެ ސިސްޓަމް ބޭނުން ކުރެއްވީ ކީއްވެގެންތޯ ދެންނެވުމުން އޭނާ ވިދާޅުވީ، އެކަން ކަށަވަރު ކުރުމަށް ކުރިން އަމަލީ ގޮތުން ކަމެއް ކޮށްފައި ނެތް ކަމަށެވެ.

"ސިސްޓަމްގައި މައްސަލަ އުޅޭކަން ޔަގީން ވާނީ ވެސް ޕްރެކްޓިކަލީ ވޯޓުލައިގެން ނޫންތޯ؟ ރޯލްކޯލް ވޯޓަށް ދާން ފެނޭތޯ ބެލުމަށް ނެގި ވޯޓުން އެކަން މި ކަށަވަރުވީ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ހުށަހެޅިޔަސް ޕީޕީއެމް ކޯލިޝަނުން އެ ވޯޓު ފެއިލް ކޯށްލާނެ އެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ އެއްބައިވަންތަކަން މާ ބޮޑަށް ފެންނާނެ. ކަންކަން އިތުރަށް ރަނގަޅުކޮށް ޕާލަމެންޓްރީ ގުރޫޕް ހަރުދަނާ ކުރާނަން،" ނިހާން ވިދާޅުވި އެވެ.