މަޖިލިހުގެ ނައިބު ރައީސް މޫސަ ވަކިކުރުމުގެ މައްސަލަ އޭޕްރީލް 11 ގައި

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކު މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ އޭޕްރީލް މަހުގެ 11 އަށް އެޖެންޑާ ކުރަން ނިންމައި އެމަނިކުފާނަށާއި މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން މިއަދު ނޯޓިސް ފޮނުވައިފި އެވެ.


ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ މި މަހުގެ 22 ގަ އެވެ. މުޅިއެކު 15 މެމްބަރުންގެ ސޮޔާއެކު އެ މައްސަލަ މަޖިލިހަށް ވެއްދީ އިދިކޮޅު އެމްޑީޕީންނެވެ.

މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރިއިރު، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި، އެމަނިކުފާނުގެ އިތުބާރު އޮތް ކަމަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ވެރިކަންކުރާ ޕީޕީއެމް ކޯލިޝަންގެ މެމްބަރުން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ، ވަކިވަކިން މެމްބަރުން ކައިރިން އަހައިގެން ނެގި ވޯޓުގައި 48 ބޭފުޅުންގެ ތާއީދާއެކުގަ އެވެ. އިދިކޮޅު ފަރާތްތަކުން އެ ވޯޓު ނެގި ވަގުތު ވަނީ މަޖިލިސް ދޫކުރައްވައި ވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލް ކުރި ގޮތަށް މޫސަ ވެސް ޕީޕީއެމް ކޯލިޝަނުން ސަލާމަތް ކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކާ އެކު. އަޅުގަނޑުމެން ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އެއްބައިވަންތަކަން މޫސަގެ ވޯޓު ނަގާ ދުވަހު ވެސް އިރާދަކުރެއްވިއްޔާ ފެންނާނެ،" އޭނާ ވިދާޅުވި އެވެ.