ވޯޓުގެ ކަންކަން ދިޔައީ މިނިވަން، އިންސާފުވެރިކަމާ އެކު: ސަރުކާރު

ރަައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓުގެ ކަންކަން ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.


އިދިކޮޅު ފަރާތްތަކާއި އެމެރިކާ އިން ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް، ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިދިކޮޅު ފަރާތްތަކުގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ވޯޓުގެ ކަންކަން ހިނގައި ދިޔައީ ދެ ފުށް ފެންނަ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ކަމަށެވެ. އަދި އެ ވޯޓުގެ ކަންކަން ނިމުނީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި 1932 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ މަޖިލީހަކީ ޑިމޮކްރެޓިކް އުސޫލުތައް ދަމަހައްޓާ ނެގެހެއްޓުމުގެ އެންމެ މުހިއްމު ރޯލެއް އަދާކުރާ މުއައްސާސާ އެވެ.

"މަޖިލީހުގައި އިއްޔެ ނެގި ވޯޓު ކުރިއަށް ދިޔައީ، ވަރަށް ދެ ފުށް ފެންނަ، ޑިމޮކްރަޓިކް ހަމަތަކުގެ މަތިން، ގާނޫނޫއަސާސީ އާއި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް،" ބަޔާނުގައިވެ އެވެ.

"ރާއްޖެ އާ ގުޅުން ބަދަހި ކުރަމުން އަންނަ ގައުމުތަކާއި މުއައްސަސާތައް، ހާއްސަކޮށް މަޖިލިހުން ނިންމާ ނިންމުންތަކަށް އިހްތިރާމް ކުރާނެ ކަމަށް އުންމީދު ކުރަން."

ޑިމޮކްރެޓިކް އުސޫލުތަކަށް އިހްތިރާމްކޮށް، މިނިވަން މުއައްސަސާތަކުގެ ނިންމުންތައް ބަލައިގަނެ، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އަބަދުވެސް ދެމި އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ މެމްބަރުންނާ ވަކިވަކިން ސުވާލުކޮށްގެންނެވެ. އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އަދި ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުއްވުމުން ވޯޓު ނެގީ، ސިފައިން ލައްވާ 13 މެމްބަރަކު މާލަމުން ނެރެފަ އެވެ. އެހާ ހިސާބުން އިދިކޮޅު އަނެއް 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރެއްވީ އެވެ.

މަސީހް މަގާމުން ވަކިކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި ވޯޓު ސަރުކާރުން ދިފާއުކުރީ 48 ވޯޓުންނެވެ. މިހާތަނަށް ނެގި، މުހިއްމު ބޮޑެތި ވޯޓުތަކުގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން އާއްމުކޮށް 51 ވޯޓު ލިބުނަސް މި ވޯޓުގައި ސަރުކާރަށް އޮތް ސުޕަ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓުގެ ކަންކަން އުސޫލުތަކުގެ ބޭރުން ދިޔަ ކަމަށް ބުނެ، އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައިވާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގޮތަށް އަމަލްކުރުމުން މިނިވަން އަދި އިންސާފުވެރި ވޯޓެއް ލާން ހުރަސްތައް ކުރިމަތިވި ކަމަށެވެ.