ސަރުކާރު ގޮތް ހުސްވާ މަންޒަރު އެބަ ފެނޭ، ބިރެއް ނުގަނޭ: އިބޫ

ގައުމު އިސްލާހު ކުރަން އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށާއި ސަރުކާރު ގޮތް ހުސްވަމުން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އުފުލައި، އިދިކޮޅު ހަރަކާތްތައް ލީޑް ކުރައްވާ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރުމަކީ ސަރުކާރު ގޮތް ހުސްވެފައިވާ މަންޒަރު ހާމަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ ބިރެއް ނުގަނެއޭ، އެއްވެސް ލީޑަރެއް ބިރެއް ނުގަނޭ، ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ކުރާ މަސައްކަތާއިގެން ކުރިއަށްދާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އިދިކޮޅު ލީޑަރުންނަށް ބިރު ދެއްކުމަށް ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ. އަދި "ސިޔާސީ ބާރު" ނުހިންގުމަށާއި އެއްވެސް ނުފޫޒެއް ނެތި ފުލުސް އޮފީސް، މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ފުރުސަތު ދިނުމަށް އޭނާ ގޮވައިލެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސް. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ފުލުހުން ބަލަމުން އަންނަ މައްސަލަތަކަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އޭގެ ކުރިން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ވެސް ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ.

"އަޅުގަނޑުމެން ޔަގީންކަން މި އަރުވަނީ ބިރެއް ނުގަނެއޭ، އެއްވެސް ލީޑަރެއް ބިރެއް ނުގަނޭ، ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ކުރާ މަސައްކަތާއިގެން ކުރިއަށްދާނަން،" --އިބޫ

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރާ އެންމެ ބޮޑު އެއް މަސައްކަތަކީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެކުގައި ކުރިއަށް ދެވޭނެ ގޮތްތައް ކަނޑައެޅުމެވެ. އެ ގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އެބަދޭ، ވަރަށް އަވަހަށް އެކަން ހާމަވެގެން ދާނެ،" --ފާރިސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް ވިދާޅުވީ އިދިކޮޅު ހުރިހާ ފަރާތްތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ މަޖިލިސް އިސްލާހު ކުރުމަށް ކަމަށެވެ. އެ ގޮތުން ގިނަ މެމްބަރުންނާ މަޝްވަރާކޮށް، ހުރި ދަތިތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ފާރިސް ވިދާޅުވި އެވެ.

"ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އެބަދޭ، ވަރަށް އަވަހަށް އެކަން ހާމަވެގެން ދާނެ،" ފާރިސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުންނާއި މައުމޫނާއި ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ މެދު މައްސަލަތަކެއް އުފެއްދުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށް ފާރިސް ވިދާޅުވި އެވެ. ނަމަވެސް އެ ކަންކަން ކާމިޔާބުނުވާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ވަރަށް ބަދަހި ކަމާއެކު، މަސައްކަތް ކުރަނީ ވަކި ޕާޓީއަކަށް، ފަރުދަކަށް ފައިދާތަކެއް ހޯދާކަށް ނޫން، ސިޔާސީ ތަފާތުތައް އެއްކިބާކޮށްފައި، ގައުމުގެ ހައްގުގައި ކުރާ މަސައްކަތްތަކެއް މި ކުރަނީ،" ފާރިސް ވިދާޅުވި އެވެ.

"ބިރު ދެއްކުމުގެ ގޮތުން ކަންކަން ކުރާނަމަ، އަޅުގަނޑުމެން އިތުރަށް ވާނީ ބަދަހި،"

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ހުރިހާ ލީޑަރުންނަށް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް އޮތުމަށް ކަމަށާއި އެކަމަކު އެ ފުރުސަތު ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެއާކު، ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިނގަމުން އަންނައިރު، ސިޔާސީ އެތައް ލީޑަރުންނަށް ރާއްޖެ ނާދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިބޫ ވެސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ މަޖިލިސް ހިންގުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުން ކަމަށެވެ. އަދި އެކަން ކާމިޔާބުވުމަށް ފަހު، ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.