ފުލުހުންނާ ކުރިމަތިލާން ގޮވާލުމަކީ ގޮންޖެހުމެއް: ރައީސް ޔާމީން

ދިވެހި ފުލުހުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ޒިންމާދާރު ބައެއް ފަރާތްތަކުން ފުލުހުންނާ ކުރިމަތިލުމަށް ގޮވައިލާ ގޮވައިލުންތަކާއި ފުލުހުންގެ މުއައްސަސާ އަށް އިހުތިރާމް ކުޑަވާ ގޮތަށް ކުރެވޭ ކަންކަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


ފުލުހުންގެ ހިދުމަތަށް 84 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުންނަކީ ދިވެހި ގައުމަށް ވަރަށް އަގު ހުރި ހިދުމަތްތަކެއް 24 ގަޑިއިރު ކޮށް ދެމުން ގެންދަވާ ބައެއް ކަމަށާއި އެ މީހުންގެ އަގު ހުރިހާ އެންމެން ވަޒަން ކުރަން ޖެހޭނެ ކަމަށެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ފުލުހުންގެ ބައެއް އިސް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެން މިއަދުގެ ފުލުހުން ނުވަތަ އިއްޔެ ފުލުހުން އެކި ގޮތްގޮތުން އެ ބޭފުޅުން ހިދުމަތްކޮށްފައިވާ، އެ ބޭފުޅުންގެ ވެރިން، ޔުނިފޯމްގެ އެންމެ އިސް ބޭފުޅުން ކަމަށްވި ނަމަވެސް ރިޓަޔާ ކުރައްވާފައިވާ ކޮމިޝަނަރުން ކަމަށް ވިޔަސް އަދި އެއަށް ވުރެ މަތީ މަގާމުތަކުގައި ސިޔާސީ ލީޑަރުންގެ ތެރޭގައި އެ ބޭފުޅުންގެ ހިދުމަތް ދެއްވާފައިވާ ބޭފުޅުން ކަމުގައިވީ ނަމަވެސް ފުލުހުންނަށް މިއަދު ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ މި ދެންނެވި ފަންތީގެ ބޭފުޅުން ފަރާތުން ޕޮލިސް ފޯސްއާ ކުރިމަތިލާން ގޮވާލާ ގޮވާލުމާއި ޕޮލިސް ފޯސް އަށް އިހުމާލުވެ، ނޫނީ ޕޮލިސް ފޯސް އަށް ކަމޭނުހިތޭ ގޮތަށް ގޮވައިލާ ގޮވާލުންތައް،" ރައީސް ވިދާޅުވި އެވެ.

"މިއީ މިއަދު ޔުނިފޯމްގައި ތިބި ބަޔަކަށް އަޑު އަހާލަން ފަސޭހަ ކަމަކަށް ނުވާނެ. އިއްޔެ އެއީ އަޅުގަނޑުމެންގެ މާސްޓަރުން. މިއަދު އަނެއް ފަރާތަށް ދާން ޖެހުނީމަ މި ކަހަލަ ޗެލެންޖްތަކުގެ އަޑު އިވުނީމަ ފުލުހުންގެ ހިތަކަށް ފަސޭހައެއް ނުވާނެ."

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީއަކީ ކުށް ގިނަ ކުރަން ދެވޭ ލައިސަންސެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ޑިމޮކްރަސީއަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އުޅޭ ކޮންމެ ބައެއްގެ ޒިންމާ އާއި މަސްއޫލިއްޔަތު ހިމެނޭ ނިޒާމެއް،" ރައީސް ވިދާޅުވި އެވެ. "އެހެންވީމާ ޑިމޮކްރަސީއަކީ އެއްގޮތަކަށް ވެސް އެ މީހަކު އުޅޭނެ ގޮތަކަށް އުޅުމެއް ނޫން."

ރައީސް އަދި ވިދާޅުވީ ރާއްޖޭގެ ކަންކަން ރަނގަޅަށްދާ ކަމަށްވާ ނަމަ، ރާއްޖޭގެ އަމާންކަމާއި ސަލާމަތްކަން ގާއިމުކޮށް ދެނީ ގާނޫނުގެ ބާރު ހިންގީމާ ކަމަށެވެ.

"ރާއްޖޭގެ ފުލުހުންނަށް މިއަދު އިރާދަކުރެއްވިއްޔާ ކުރީގައި ކުރަން ޖެހޭ ވަރަށް މަގުތައް ބެލެހެއްޓުމާއި މި ކަންކަން ކުރަން ނުޖެހެނީ މި ދެންނެވި ހަމަޖެހުން އޮތީމަ،" ރައީސް ވިދާޅުވި އެވެ.

"މި ދެންނެވި ހަމަޖެހުމުން އަންނަނީ އެއްގޮތަކަށް ވެސް ޑިމޮކްރަސީ ރާއްޖޭގައި ނެތިގެނެއް ނޫން."

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާން އަދި ވިދާޅުވީ ރާއްޖޭގެ ކަންތައްތަކާ ބެހޭ ގޮތުން ބޭރުގެ ބައެއް ސަރުކާރުތަކުން ނެރޭ ރިޕޯޓްތަކާ ގުޅޭ ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"އެހެން ނަމަވެސް މިއަދު ވެސް ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާ ކުރައްވާ ފުލުހުންނަށް ދަންނަވަން ޖެހެނީ އަޅުގަނޑުމެންގެ ގާނޫނުން ދޭ ހައްގުތަކާއި، އަޅުގަނޑުމެންނަށް ދޭ މުސްތަގިއްލުކަމާއި އަދި އދ. ގެ ކޮންވެންޝަނުން ގައުމަކަށްވީތީ އަޅުގަނޑުމެންނަށް ލިބެން ޖެހޭ ހިމާޔަތް އަޅުގަނޑުމެންނަށް އެނގެއޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދާހިލީ ކަންތައްތަކަށް ބޭރުގެ އެއްވެސް ފަރާތަކުން ބެހޭކަށް ޖާގައެއް ނުދެވޭނެ."

އެ މަނިކުފާން ވިދާޅުވީ ދާހިލީ ކަންކަމާ ބޭރު ގައުމުތަކުން ބެހުމަކީ ރަނގަޅު ކަމެއް ވެސް ނޫން ކަމަށެވެ.

"އެއީ ކީއްވެގެންތޯ؟ ބޭރުގައި ހިނގާ ކަންކަމަކާ އަޅުގަނޑުމެންގެ ސަރުކާރަކުން، އަޅުގަނޑުމެންގެ ފުލުހުންނެއް ނުބެހޭނެ. އެހެންވީމާ ކޮންމެ ގައުމެއް ވެސް ހިނގާނީ އެ ގައުމެއްގައި އޮންނަ އުސޫލްތަކާއި އެ ގައުމެއްގެ ގާނޫނުއަސާސީ އާއި ގާނޫނުއަސާސީން އުފައްދަދީފައި ހުންނަ މުއައްސަސާތަކުން ގެނެސްދޭ ހައްގުތައް ކަށަވަރުކޮށްދޭ މިންގަނޑުތަކެއްގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ 84 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ފުލުހުންގެ ބައެއް އިސް އޮފިސަރުން.---ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް މިންގަނޑުތަކާއި ދުނިޔޭގެ އެހެން ގައުމުތަކުގައި އޮތް މިންގަނޑުތަކަކާ އަޅާކިޔަން ނުޖެހޭ ކަމަށެވެ.

"އެހެންވީމާ މި ހުރިހާ ގޮންޖެހުންތަކަކާ އެކީގައި މަސައްކަތް ކުރާ އިރު، އަޅުގަނޑު ވެސް ގަބޫލު ކުރަން ބޭނުން ވަނީ އަދި ފުލުހުންނަށް ވެސް މިއަދު ދަންނަވާލަން ބޭނުން ވަނީ އެއްގޮތަކަށް ވެސް އަމިއްލަ މާނަ ޑިމޮކްރަސީގައި ނުނަންގަވާށޭ،" ރައީސް ވިދާޅުވި އެވެ. "ޑިމޮކްރަސީއަކީ ހަމަހަމައަށް މަސްއޫލިއްޔަތާއި ޒިންމާ އަދާ ކުރުމުގެ ގާބިލްކަން ހުންނަ ބައެއްގެ މައްޗަށް ހިންގަން އޮންނަ ނިޒާމެއް. އެއީ އެއްގޮތަކަށް ވެސް އެއްކޮޅަށް ފަސް އެޅިފައި އޮންނަ ކަމެއް ނޫން."

ރައީސް ވިދާޅުވީ ތަނެއްގައި އޮންނަ ހަމަޖެހުމަކީ ފުލުހުންގެ ދައުރު ހަރުދަނާވުން ކަމަށެވެ.

"ތަނެއްގައި މަސްލަހަތު ގެއްލިގެންދާ ކަމަށްވަންޏާ އެއީ ފުލުހުންގެ ޒިންމާ އަދާ ކުރަންވާ މިންވަރަށް އަދާ ކުރެވޭކަމާ ދޭތެރޭގެ ސުވާލު އުފެދޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ. "ފުލުހުންނަށް ގާނޫނީ ބާރު ދިނުމާ އެކު، އަދި ފުލުހުން ޖަވާބުދާރީވާން ޖެހޭ މީސްމީހުންގެ އިސް މީހުންނަށް ފުލުހުންނަށް އެހީތެރިވުމަށް ގާނޫނާ އެއްގޮތަށް ކަންތައްތައް ކުރާ ހާލަތެއް. އެހެންވީމާ ތަނެއްގެ މަސްލަހަތު ގެއްލިގެންދާ ކަމަށް ވަންޏާ އެ މަސްލަހަތު އަނބުރާ އިޔާދަ ކުރުމަކީ ރުޖޫއަ ކުރުމަކީ ފުލުހުންގެ ޒިންމާއެއް."