ފާރިސް މަސައްކަތްކުރައްވަނީ ތަހުގީގު ލަސްކުރަން: ޕޮލިސް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މަސައްކަތްކުރައްވަނީ ފުލުހުން އޭނާގެ މައްޗަށް ހިންގަމުންދާ ތަހުގީގު ލަސްކުރަން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފާރިސްގެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ފާރިސް ހާޒިރުކުރުމަށްފަހު ވަކީލެއްގެ އެހީތެރިކަމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ދެއްވި ކަމަށެވެ. އަދި ވަކީލަކާ އެކު ހާޒިރުވެ ވަޑައިގަތުމަށް ފުރުސަތު ދިން ނަމަވެސް ތަހުގީގަށް ހާޒިރުވެ ވަޑައިގަތް ފަސް ފަހަރު ވެސް ވަކީލަކު ނުގެންނަވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވަކި މަގުސަދެއް ހާސިލުކުރުމަށް ތަކުރާރުކޮށް ފާރިސް ހާޒިރުކުރާ ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެއީ ފާރިސް ގަސްދުގައި ފުލުހުންގެ ތަހުގީގު ލަސްކުރެއްވުން ކުރައްވާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ހިންގާ ތަހުގީގުތަކަށް އެއްބާރުލުންދީ، ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފާރިސް މައުމޫން ހާޒިރުކޮށް ތަހުގީގުކުރަމުން ދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ނުބުނެ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، އޭނާއާ ބެހޭ ގޮތުން ތަހުގީގުކުރަނީ ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ހުންނެވިއިރު، ރިޔާސީ ގަނޑުވަރު ތީމުގޭގެ ބަޖެޓުން ހަރަދުކުރެއްވި ގޮތާ ގުޅޭ މައްސަލައެކެވެ. އެ ތަހުގީގަށް މިދިޔަ ދެ ހަފުތާގެ ތެރޭގައި ފަސް ފަހަރު ފާރިސް ޕޮލިހަށް ހާޒިރުކުރި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފާރިސް ޕޮލިހަށް ހާޒިރުކުރީ އޭރު ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި އިސްކޮށް އުޅުއްވާތީ، ބިރުދެއްކުމުގެ ގޮތުންނެވެ. އަދި ފާރިސްއާ ސުވާލުކުރީ އޭނާއާ ގުޅުމެއް ނެތް މައްސަލައެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ފާރިސް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ވެސް މިދިޔަ މަހުގެ ތެރޭގައި އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. އޭސީސީ އަށް ހާޒިރުކުރީ، 2008 ގައި ނެރުނު ތީމުގޭ އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތަކަކާ ގުޅިގެން ކަމަށްވެ އެވެ. އޭގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ގުޅިގެން ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫނާ ވެސް ކުރިން ސުވާލުކޮށްފައިވެ އެވެ.