ނުފޫޒެއް ނުފޯރުވަން، ފުލުހުންނާއި ޝަރުއީ ދާއިރާ މިނިވަން: ސަރުކާރު

އިދިކޮޅު ސިޔާސީ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރަނީ ބިރުދައްކަން ކަމަށް ކުރާ ތުހުމަތު ދޮގުކޮށް، ރާއްޖޭގެ ޝަރުއީ ނިޒާމާއި ފުލުސް އޮފީހަކީ މިނިވަންތަނެއް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.


ސަރުކާރުން މިހެން ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ކުރި ގޮތާ ގުޅޭގޮތުން ބައިނަލްއަގުވާމީ ފަރާތްތަކުން އަމާޒުކޮށްފައިވާ ފާޑުކިއުންތަކާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީން ވަކިކުރުމުގެ އިތުރުން ސިޔާސީ ފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކުރާތީ ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރު ދިފާއުކޮށް އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ސަރުކާރުން ބުނީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު އެ ދުވަހު އެތައް ފަހަރަކު ލަސްވި ކަމަށާއި އިދިކޮޅު ފަރާތްތަކުން މަޖިލިސް ތެރޭގައި ހިންގި ކަންކަމަކީ ތަހުގީގުކުރަން ޖެހޭ ކަންކަން ކަމަށެވެ. އެއީ ގާނޫނީ ގޮތުން ހެއްކާއި ގަރީނާ އެކު ފުލުހުން ތަހުގީގުކުރާ މައްސަލަތަކެއް ކަމަށާއި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނިގޮތުގައި އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުގެ ނަން އިއްވައި، ޗެމްބަރުން ބޭރަށް ނެރެން ޖެހުނީ މިނިވަން އިންސާފުވެރި، ދެފުށްފެންނަ ގޮތަށް ވޯޓު ކުރިއަށް ގެންދާށެވެ.

މައުމޫން ޕީޕީއެމުން ވަކިކުރި މައްސަލައަށް އިޝާރާތްކޮށް ސަރުކާރުން ބުނީ މައުމޫނަކީ މިހާރު ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށެވެ. އެހެންވެ ޕީޕީއެމްގެ ނަމުގައި ވާހަކަ ދެއްކެވުމުގެ ހައްގު އެމަނިކުފާނަށް ގެއްލިފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ އެ ބަޔާނުގައި ސަރުކާރުން ބުނެފައިވާ ގޮތުގައި ހަގީގީ މާނައިގައި ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ކުރަން އިދިކޮޅު ފަރާތްތަކުން ބޭނުމެއް ނުވެ އެވެ. އެއާހިލާފަށް، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ހޯދަން ކަމަށް ބަޔާނުގައިވެ އެވެ.

މައްސަލަތަކެއް ހުރި ނަމަ މަޝްވަރާކޮށްގެން ހައްލު ހޯދަން އިދިކޮޅު ފަރާތްތަކަށް އަނެއްކާވެސް އެ ބަޔާނުގައި ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އެ ދައުވަތު މިދިޔަ ބުދަ ދުވަހު އަނެއްކާވެސް ސިޔާސީ ޕާޓީތަކަށް ދީފައިވާ ކަން ފާހަގަކޮށް ބަޔާނުގައި ބުނީ ޝަރުތުތަކެއް ކުރިމަތިކުރުމަކާ ނުލައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާކޮށް ހައްލުތަކެއް އެދޭ ކަމަށެވެ. މަޝްވަރާ އިން ކަންކަން ހައްލުކުރަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.