ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅެއް ނާޅަން: މީރާ

ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށާއި އެކަން ކުރަނީ ހަމަހަމަކަމާއެކު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް މީރާ އިން މިރޭ ބުނެފި އެވެ.


މީރާގެ މަގްސަދުތަކުގެ ތެރޭގައި އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ދައުލަތުގެ އެހެން އިދާރާތަކުން އެކި ފަރާތްތަކާއެކު ކުރާ އެއްބަސްވުންތަކުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ދުވަހަށް ދައްކާތޯ ބެލުމާއި ގަވާއިދުން ފައިސާ ނުދައްކާނަމަ، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓްތައް ވެސް ފްރީޒް ކުރި މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި މީރާ އިން ނެރުނު ބަޔާނުގައި ބުނީ ފައިސާ ހޯދުމުގަ އާއި ފިޔަވަޅުތައް އެޅުމުގައި އެ އިދާރާ އިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށެވެ.

"ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެ އެވެ،" ދައުލަތުގެ ޓެކްސް އިދާރާގެ ބަޔާނުގައި ވެ އެވެ.

މީރާ އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ އެހެން އިދާރާތަކުން ޓެކްސް ޕޭޔަރުންނަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ހުއްޓުވުމާއި އެ ފަރާތްތަކުގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުމާއި އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި ކޯޓު މެދުވެރިކޮށް އެފަރާތްތަކުގެ މުދާ ދައުލަތަށް ނެގުން ހިމެނެ އެވެ. މީރާ އިން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 1،824 މީހަކާ މެދު ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގައި ވިޔަފާރި ކުރާ 270 ފަރާތެއް ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ. "އޭގެ ތެރޭގައި މިހާރު ހިންގަމުންގެންދާ 8 ރިސޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާރު އެއްބަސްވުން ބާތިލު ކޮށްފައިވާ 9 ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓްތައް ހިމެނެ އެވެ،" މީރާ އިން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދައްކަން ޖެހޭ ފައިސާއާ ގުޅޭ މައްސަލަތަކެއްގައި މީރާ އިން ފިޔަވަޅު އެޅުމުގައި އިޖުރާއަތުތައް ފުރިހަމަކޮށް ފިޔަވަޅު އެޅުމަށް ފަހު، ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ފިޔަވަޅު އެޅުން ހުއްޓުވާފައި ވަނިކޮށް، ހައި ކޯޓުން ސިވިލް ކޯޓުގެ ނިންމުން ބަދަލުކުރުމާ ގުޅިގެން، އަޅާފައިވާ ފިޔަވަޅު އަނބުރައި އިޔާދަ ކޮށްފައިވާ ދެ މައްސަލައެއް ހިމެނޭ ކަމަށް މީރާ އިން ބުންޏެވެ.

"އެހެންކަމުން ކޯޓު ހުކުމާ ގުޅިގެން އިއާދަކުރެވުނު ފިޔަވަޅުތަކަކީ ވަކި ދުވަސްވަރަކަށް ބިނާކޮށް ވަކި ފަރާތަކަށް ޓާގެޓް ކޮށްގެން މި އޮތޯރިޓީން އަޅާފައިވާ ފިޔަވަޅުތަކެއް ނޫނެވެ،" މީރާގެ ބަޔާނުގައި ވެ އެވެ.

މީރާގެ ޕޮލިސީގައިވާ ގޮތުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށްޓަކައި މި އޮތޯރިޓީން އަޅައިފައިވާ އެއްވެސް ފިޔަވަޅަކުން އެ ފަރާތެއް ވީއްލޭނީ އެ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ނުވަތަ އެ ފައިސާ ދައްކާނެ ގޮތަކާ މެދު މީރާއާ އެކު އެއްބަސްވުމަކަށް އައުމުން ނުވަތަ ކޯޓު ހުކުމެއްގެ ދަށުންނެވެ."