މަހުލޫފް އެޑްމިޓްކުރީ އިންޖެކްޝަން ޖަހަން

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އައިޖީއެމްއެޗްގައި މިއަދު މެންދުރު ފަހު އެޑްމިޓް ކުރީ އޭނާ އަށް މަހަކު އެއްފަހަރު ޖަހަންޖެހޭ އިންޖެކްޝަނެއް ޖަހަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ބުނެފި އެވެ.


ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެންދުރު 2:00 ހާއިރު ހޮސްޕިޓަލުގައި މަހުލޫފު އެޑްމިޓްކުރީ މީގެ ކުރިން އިންޑިޔާ އަށް ގޮސްގެން ޖަހަމުން އައި އިންޖެކްޝަނެއް ޖަހަން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި ދެން އިންޑިޔާ އަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފު ގެންދަވަނީ އެލާޖިކްގެ މައްސަލަތަކަށް ފަރުވާ ހޯއްދަވަމުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިޔާ އަށް ވަޑައިގެން ފަރުވާ ހޯއްދަވާފައިވެ އެވެ.

އެ މައްސަލަތައް ދިމާވާތީ ޑޮކްޓަރުން ވަނީ ތިން މަސް ވަންދެން މަހަކު އެއްފަހަރު އިންޖެކްޝަނެއް ޖަހަން ލަފާ ދީފަ އެވެ. އެ އިންޖެކްޝަންގެ ފުރަތަމަ ޑޯޒް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ ޖަހައިފަ އެވެ. އަދި ދެ ވަނަ ޑޯޒް ޖަހަން އިންޑިޔާ އަށް ދިއުމުގެ ހުއްދަ އަށް އާއިލާ އިން މިދިޔަ މަހު އެދުނަސް، އެ ފުރުސަތެއް ނުދެ އެވެ.

މަހުލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ކުރިން ވިދާޅުވީ ކަރެކްޝަންސް އިން އާއިލާ އަށް އަންގާފައި ވަނީ ރާއްޖޭން ބޭރުން އިންޖެކްޝަން ގެނެސް، ރާއްޖޭގައި ތިބި ޑޮކްޓަރުންގެ ލަފާގެ މަތިން އިންޖެކްޝަން ޖެހުމަށެވެ.

މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ. އޭނާ މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކުރި ހުކުމެވެ. މަހްލޫފް މިނިވަން ވާނީ އަންނަ ޖޫން މަހުގެ ކުރީކޮޅުގަ އެވެ.