ފަނޑިޔާރު މަގު ހަދަނީ ވަކި އިމާރާތެއް ހުރެގެންނެއް ނޫން: މުއިއްޒު

ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހިންގާ މ. ކުނޫޒު ހުންނަ ފަނޑިޔާރު މަގު ހަދަން ފެށީ އެ މަގުގައި ވަކި އިމާރާތެއް ހުރެގެން ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ހަރަކާތްތައް މިހާރު ބާއްވަމުން އަންނަ ކުނޫޒު ހުންނަ ފަނޑިޔާރު މަގު އަލުން ހެދުމަށްޓަކައި ހައުސިން މިނިސްޓްރީގެ ހެވީ ވެހިކަލްތަކާއި މުވައްޒަފުން ވަނީ އިއްޔެ އިރުއޮއްސެން އުޅެނިކޮށް އެ ސަރަހައްދަށް ގޮސް މަސައްކަތް ފަށައިފަ އެވެ.

ފަނޑިޔާރު މަގުގެ މަސައްކަތް ފަށަން އުޅުމުން އެ ތަނުގައި ތިބި އިދިކޮޅު އެކްޓިވިސްޓުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އަޑުގަދަކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުގައި އެ މަގު ހެދުމުގެ މަސައްކަތް ކުއްލި ގޮތަކަށް ސަރުކާރުން ފެށީ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

މަގު ހަދަން ފެށީ އެތަނުގައި ވަކި އިމާރާތެއް ހުންނާތީ ނޫން ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އިރު، ހައުސިން މިނިސްޓްރީން ކުރިން ވެސް ބުނެފައިވަނީ ފަނޑިޔާރުމަގު އަލުން ހަދަން ފެށީ އެއީ މަޖީދީމަގާ ގުޅޭ މަގެއް ކަމަށްވާތީ ކަމަށެވެ. އަދި އެއީ ކުރިން ވެސް ރޭވިފައި އޮތް މަސައްކަތެއް ކަމަށާއި ވަކި ކަމަކާ ގުޅިގެން ކުރާ މަސައްކަތެއް ނޫން ކަމަށް އެތަނުން ބުނެފައި ވެ އެވެ.

"ފަނޑިޔާރު މަގުގެ މަސައްކަތް ފަށަން ވަކި ތާރީޚެއް އަޅުގަނޑުމެން ކަނޑައަޅާފައެެއް ނޯންނާނެ. އެހެންވީމާ ކޮންމެ ވަގުތަކު ވެސް އެ މަސައްކަތް ފެށޭނެ. މިއީ މާލޭގެ މަގުތައް އަލުން ފެށުމުގެ މަސައްކަތް ފެށިއިރު ވެސް، އަލުން ހަދަން ނިންމާފައިވާ މަގެއް. އޭގެ ސަބަބަކީ އެއީ މަޖީދީމަގާ ގުޅިފައިވާ މަގަކަށް ވުން،" ހައުސިން މިނިސްޓްރީގެ އޮފިޝަަލަކު ވިދާޅުވި އެވެ. މަގު ހެދުމުގެ މަސައްކަތް ކުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ސަރަހައްދުގައި ހިންގާ ހަރަކާތްތައް މެދުކަނޑައެއް ނުލަ އެވެ. އެގޮތުން މިރޭ ވެސް އެމްޑީޕީ އާއި ޕީޕީއެމްގެ މައުމޫން ފެކްޝަނުންނާއި ޖުމްހޫރީ ޕާޓީންނާއި އަދާލަތު ޕާޓީން ކުނޫޒުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ.