ރާއްޖޭގައި މައިބަދައިގެ އޮޕަރޭޝަނެއް އޭޑީކޭއިން ލައިވްކުރަނީ

އޭޑީކޭގައި އަންނަ ހުކުރުދުވަހު ކުރާ މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ލައިވްކުރާ ގޮތަށް އެ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.


އެމެރިކާގެ ޑޮކްޓަރަކާއި އޭޑީކޭގެ ނިއުރޮ ސާޖަން އަލީ ނިޔާފު ހިމެނޭ ޓީމުން ކުރާ އެ އޮޕަރޭޝަން ލައިވްކުރަނީ އަންނަ ހުކުރާއި ހޮނިހިރުދުވަހު އޭޑީކޭ އިން އިންތިޒާމްކޮށްގެން ބާއްވާ ސްޕައިން ކޮންފަރެންސްގެ ބައެއްގެ ގޮތުގަ އެވެ. މި ކޮންފަރެންސްގައި އެމެރިކާގެ ޚާއްސަ ދެ ޑޮކްޓަރަކާއި ސާކް ގައުމުތަކުގެ ބައެއް ޑޮކްޓަރުން ބައިވެރިވެ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގައި ބާއްވާ ކޮންފަރެންސާ އެކު އޭޑީކޭ އާއި އެ ޔުނިވަސިޓީއާ ދެމެދު ސިއްހީ ދާއިރާގެ ހޭލުންތެރިކަމަށް މަސައްކަތްކުރުމުގެ އެއްބަސްވުމެއް މިއަދު ވަނީ ގާއިމްކޮށްފަ އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ކަރުގެ ޑިސްކެއް ބަދަލުކުރަން ކުރާ މި އޮޕަރޭޝަނަކީ ރާއްޖޭގައި ކުރާ އެ ޒާތުގެ ފުރަތަމަ އޮޕަރޭޝަން ވެސް މެ އެވެ.

"ޓެކްނޮލޮޖީ މެދުވެރިކޮށް މިކަހަލަ ލައިވް، ބޮޑު ސާޖަރީއެއް ރާއްޖޭގައި ކިޔަވައިދިނުމުގެ މަގުސަދުގައި ހެދިގެންދާ ފުރަތަމަ [ފަހަރު މިއީ]. މައިބަދައިގެ މައްސަލައެއް ހުރި މީހެއްގެ ޑިސްކެއް، ޓޯޓަލް ރިޕްލޭސްމަންޓެއް ހަދާނެ،" އަފްއާލް ވިދާޅުވި އެވެ.

"އެހެންވީމަ މިއީ އާދަޔާ ހިލާފު ބޮޑު ސާޖަރީއެއް."

އޮޕަރޭޝަން ކުރަމުން ދާ އިރު އެ މަންޒަރު، އެމްއެންޔޫގައި ކޮންފަރެންސް އޮންނަ ހޯލުގެ އިތުރުން އޭޑީކޭގެ ސްކޫލް އޮފް ހެލްތު ސައިންސްގެ ކްލާސް ރޫމްގައި ވެސް ވަގުތުން ފެންނާނެ އެވެ. އަދި ދައުވަތު ދީގެން އެ ދެ ތަނުގައި އެވަގުތު ތިބޭ ޑޮކްޓަރުންނާއި ނަރުހުން ނުވަތަ ސިއްހީ ދާއިރާގެ އެހެން މީހުންނަށް ސުވާލުކުރެވޭނެ އެވެ.

"އޮޕަރޭޝަން ކުރާ ޑޮކްޓަރުން ޖަވާބު ވެސް ދޭނެ. އެހެންވެ މިއީ ރާއްޖޭގައި ސިއްހީ ދާއިރާ އިން ކިޔަވައިދިނުމުގެ އެހެން ހަރުފަތަކަށް ގެންދާނެ ކަމެއް،" އެމްއެންޔޫއާ އެކު ހެދި އެއްބަސްވުމަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން އަފްއާލް ވިދާޅުވި އެވެ.

"ސިއްހީ ދާއިރާގެ ތަމްރީންތަކަށް ބޭރު ގައުމުތަކުގައި ލައިވްކޮށް މި ކަހަލަ ސާޖަރީތައް ދައްކާނެ. އެ ދައްކާއިރު ޑޮކްޓަރުންނާ ސުވާލުކުރެވި، ވާނުވާ ގޮތް އެނގޭނެ ބަލާ މީހުންނަށް. އަޅުގަނޑު ދަންނަވާނީ މިއީ ރާއްޖޭގައި މި ރޮނގުން އަޅާ ރަނގަޅު ފިޔަވަޅަކަށް ވާނޭ."

މައިބަދައާ ބެހޭ ހާއްސަ ކޮންފަރެންސް ބޭއްވުމުގެ ބޭނުމަކީ، އޭޑީކޭ އިން ބުނި ގޮތުގައި، އެ ދާއިރާގެ މައުލޫމާތު އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި ބަދަލުކުރުމެވެ.