ނަޝީދު އަނެއްކާ ވެސް ލަންކާ އަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ސްރީ ލަންކާ އަށް މިއަދު ވަޑައިގެންފި އެވެ.


މިއީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެން އެ ގައުމުން ސިޔާސީ ހިމާޔަތް ހޯއްދެވި ފަހުން، ނަޝީދު ލަންކާ އަށް ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ.

އެ މަނިކުފާނު ވަނީ މިދިޔަ މަހުގެ 19 ގައި ވެސް ލަންކާ އަށް ވަޑައިގެންފަ އެވެ. އެ ފަހަރު އެނބުރި އިނގިރޭސި ވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގައި އޮތް ބައްދަލުވުމަކަށެވެ.

ނަޝީދު ލަންކާ އަށް ވަޑައިގެންކަން އެމްޑީޕީން ޔަގީންކޮށްދިން ނަމަވެސް، އެ ދަތުރުފުޅުގެ ބޭނުމެއް ނުބުނެ އެވެ. އަދި ލަންކާގައި ހޭދަކުރައްވާނެ މުއްދަތެއް ވެސް ހާމައެއް ނުކުރެ އެވެ.

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ވެސް ނަޝީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އެކަމަކު ކޯޓަށް ހާޒިރުވުމުގެ އަމުރު އެމަނިކުފާނާ ހަވާލު ނުކުރެވޭތީ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

ނަޝީދަށް ދައުވާކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި ޖޫން، 2010 ގައި ރައީސް ޔާމީން ހައްޔަރުކޮށް، ކ. އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ.

ނަޝީދު އެންމެ ފަހުން ލަންކާއަށް ވަޑައިގެންނެވީ ސިޔާސީ ބައްދަލުވުންތަކެއް ބާއްވަވައި، ލަންކާގައި ތިއްބަވާ ބައެއް ސިޔާސީ އިސް ފަރާތްތަކާ އެކު ވާހަކަތައް ބޭއްވުމަށެވެ. އެ މަނިކުފާނު އެ ގައުމަށް ކުރެއްވި ދަތުރުފުޅެއްގައި ލަންކާގެ ރައީސް މައިތިރްޕާލާ ސިރިސޭނާއާ ވެސް ބައްދަލު ކުރެއްވި އެވެ.