ރާޅާ އަޅަން ދިޔަ ޑިންގީއަކުން ވެއްޓި، ކައްޕި މަރުވެއްޖެ

ހަތަރު ޓޫރިސްޓުން ގޮވައިގެން ގދ. ވާދޫގައި މިއަދު ހެނދުނު ރާޅާއަޅަން ގޮސް އުޅެނިކޮށް ގައްދޫ ކައިރިއަށް ބަންޑުން ޖަހާލި ޑިންގީއަކުން ވެއްޓި ހިނގި ހާދިސާއެއްގައި ކައްޕި މަރުވެއްޖެ އެވެ. މަރުވީ އެ ރަށު ނަރުގިސްވިލާ މުހަންމަދު ހުސެއިން އެވެ.


އެނގިފައިވާ ގޮތުގައި ވާދޫ ގެސްޓް ހައުސްއެއްގައި ތިބި ހަތަރު ޓޫރިސްޓަކު ގޮވައިގެން ގައްދޫ ކައިރީގައި އޮތް ރާޅާ އަޅާ ޕޮއިންޓަކަށް ގޮސް ތިއްބާ ޑިންގީ ބަންޑުން ޖަހާލުމާ އެކު ކައްޕި އާ އެކު އޭގައި ތިބި ފަސް މީހުން ވެސް ފަތާފައި ގައްދު އަށް އެރި އެވެ.

"ޓޫރިސްޓުން ރަށުގައި ތިބެފައި ކައްޕި އާއި އެހެން ބަަޔަކު އަނެއްކާ ވެސް ދިޔައީ ޑިންގީ ނަގަން. ގޮސް ޑިންގީ ނަގައިގެން ސްޓާޓް ކުރަން އުޅެއުޅެ އެކަމެއް ނުވި. އެހެން ހުއްޓާ ކައްޕި ޑިންގީން މޫދަށް ވެއްޓުނީ. ވެއްޓުނީ ކީއްވެ ކަމެއް ނޭނގެ. އެއީ އެހާ ފުން ހިސާބެއް ވެސް ނޫން،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. "އޭރު އެތާ ކައިރީގައި ވިއްސަކަށް ފޫޓު ދުރުގައި އެހެން ޑިންގީއެއް ވެސް އޮތް އަދި މީހުން ވެސް ތިބި."

ހުސެއިން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ އަޑީގައި އޮތް ގަލެއްގައި ތާށިވެފައި އޮއްވަ އެވެ. އޭނާ ފެން މައްޗަށް ނެގި އިރު ވެސް އޮތީ މަރުވެފަ އެވެ. ހަށިގަނޑު މިހާރު އޮތީ ގައްދޫ ސިއްހީ މަރުކަޒުގަ އެވެ.