ދެ ރަށެއްގެ ފެނާއި ހަތަރު ރަށެއްގެ ނަރުދަމާ ގާއިމްކުރަން ހަވާލުކޮށްފި

ދެ ރަށެއްގައި ބޯފެނުގެ ނިޒާމް ގާއިމުކުރުމަށާއި ހަތަރު ރަށެއްގައި ނަރުދަމާ ނިޒާމުގެ މަސައްކަތްތަކެއް ކުރަން އެންވަޔަރްމަންޓް މިނިސްޓްރީން ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.


އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަސައްކަތުގެ އެއްބަސްވުންތަކުގައި މިނިސްޓަރު ތޯރިގް އިބްރާހިމް އަދި އެ ކުންފުނިތަކުގެ އިސް ބޭފުޅުން ވަނީ ސޮއި ކުރައްވައިފަ އެވެ. ފެނުގެ ނިޒާމް ގާއިމްކުރަން ހަމަޖައްސާފައިވަނީ ބ. އޭދަފުއްޓާއި ތ. ވިލުފުށީގަ އެވެ. ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިންގެ މަސައްކަތް ކުރަނީ ހއ. މާރަންދޫ، ހއ. މުރައިދޫ، ބ. މާޅޮސް އދ. ދިގުރަށުގަ އެވެ.

އޭދަފުއްޓާއި ވިލުފުށީގައި ފެނުގެ ނިޒާމް ގާއިމްކުރަން ހަރަދު ކުރަނީ އޮޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ ލޯނާއި ދިވެހި ސަރުކާރުންނެވެ. އެ މަޝްރޫއަށް 74.3 މިލިއަން ރުފިޔާ ހަރަދުކުރާނެ އެވެ. އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް އަދި 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއު ނިންމަން ހަމަޖައްސާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާތާ ހަތް މަސް ދުވަހުގެ ތެރޭގަ އެވެ.

މުރައިދޫ، މާރަންދޫ އަދި މާޅޮހުގައި ނަރުދަމާ ނިޒާމުގެ ސާވޭ އަދި ޑިޒައިނިންގެ މަސައްކަތް ހަވާލުކުރީ ޝާހް ޓެކްނިކަލް ކޮންސަލްޓަންޓްސްއާ އެވެ. އަށް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްގެން، ސާވޭ އަދި ޑިޒައިންގެ މަސައްކަތް ނިންމަން ހަމަޖައްސާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާތާ ހަ މަސް ދުވަހުގެ ތެރޭގަ އެވެ.

ދިގުރަށުގެ ފެނާއި ނަރުދަމާ ޑިޒައިންގެ މަސައްކަތް ކުރަން އެންވަޔަރްމަންޓް މިނިސްޓްރީން ހަވާލުުރީ އެމްޑަބްލިއުއެސްސީ އަށެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެކެވެ.