އަބުރާ ބެހުމުގެ ބިލު އަނބުރާ ގެންގޮސް، "ލުއިތަަކެއް" ލިބޭ ބިލެއް ހުށަހަޅައިފި

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މަޖިލީހަށް ފޮނުއްވި ބިލު މިއަދު އަނބުރާ ގެންދަވައިފި އެވެ. އެއާ އެކު، އެކަމާ ގުޅޭ އާ ބިލެއް ވަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފަ އެވެ.


"މިހާރު"އާ ވާހަކަ ދައްކަވަމުން ނިހާން މިރޭ ވިދާޅުވި ގޮތުގައި އެ ބިލު އަނބުރާ ގެންދަން ނިންމީ ނޫސްވެރިންނަށް ލުއި ގޮތްތަކެއް ލިބޭ ގޮތަށް ސަރުކާރުން އާ ބިލެއް ފަރުމާ ކުރުމުންނެވެ. އަދި މަޖިލީހުގެ ކޮމިޓީ ތެރެއިން ބިލު "ކޮށުމަށް" ބޭނުން ނުވާތީ ބިލު އަނބުރާ ގެންދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހުށަހެޅީ ތަންކޮޅެއް ވަރުގަދަ ބިލެއް. އެއަށް ގޮތްގޮތް ހަދައި ކޮށުމަށް ވުރެ އަޅުގަނޑުގެ ބިލު އަނބުރާ ގެނައީ،" ނިހާން ވިދާޅުވި އެވެ.

އޭޕްރީލް 3، 2016 ވަނަ ދުވަހު ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން.

ނިހާން ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލަކީ ވަރަށް ބޮޑު ލުއިތަކެއް ލިބޭނެ ބިލެއް ކަމަށެވެ. ނަމަވެސް އެ ބިލުގެ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މިދިޔަ މާޗް މަހު މަޖިލީހަށް ފޮނުއްވި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ ބިލުގެ ސަބަބުން ގިނަ އަދަދެއްގެ ނޫސްވެރިންނާއި ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން މި ބިލުގެ ސަބަބުން ނޫސްވެރިކަން ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅޭކަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ނޫސްވެރިން ވަނީ ފާހަގަކޮށްފަ އެވެ. މި ބިލު މަޖިލީހަށް ފޮނުވުމާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިން މުޒާހަރާ ވެސް ކުރި އެވެ.

އެ ބިލްގައިވާ ގޮތުގައި އިސްލާމް ދީނާ ހިލާފަށް ހިޔާލުފާޅު ކުރުމާއި މީހެއްގެ ނަމަށް ނޫނީ ހައްގަކަށް އުނިކަން ލިބޭ ގޮތަށް ސާބިތު ނުހިފޭ ވާހަކައެއް ދެއްކުން ނޫނީ ކުރެހުމެއް ނޫނީ ލިޔުމެއް ވެސް އާންމު ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.