ފޯނު ހުޅުވަން އަމުރެއް ނުކުރެވޭނެ، ފޯނު ނުހުޅުވުމަކީ ހަނު ހުރުމެއް: ރިޔާޒް

މޮބައިލް ފޯނު ހުޅުވައިދޭން ކޯޓުތަކަށް އަމުރު ނުކުރެވޭނެ ކަމަށާއި އެއީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒްގެ ފަރާތުން އެގޮތަށް ކޯޓުގައި ބުނީ ފުލުހުންގެ ތަހުގީގެއްގައި ރިިޔާޒްގެ ފޯނު ކޯޓުގެ އަމުރެއްގެ ދަށުން ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުމުގަ އެވެ.

ރިޔާޒްގެ ވަކީލުން މައިގަނޑު ގޮތެއްގައި މިއަދު ފާހަގަކުރީ ފޯނު ހުޅުވަން އެންގުމުގެ ބާރު ކޯޓުތަކަށް ލިބިދޭ ގާނޫނެއް ނެތުމާއި ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބުނާ ނުކުތާ އެވެ.

ދައުވާ އަށް ޖަވާބުދާރީވަމުން ރިޔާޒްގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ މި ޒަމާނުގައި ފޯނަކީ މީހުންގެ ވަރަށް ގިނަ ޒާތީ މައުލޫމާތުތައް ހިމެނޭ އެއްޗެއް ކަމަށާއި ޒާތީ މުއާމަލާތުތަކަކީ ހުރުމަތްތެރި ވެގެންވާ އެއްޗެއް ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށެވެ. އެފަދަ މުހިންމު މައުލޫމާތު ހިމެނޭ އެއްޗެއް ހުޅުވަން މީހަކަށް އެންގުމަކީ ތިމާއާ ދެކޮޅަށް ހެކިބަސް ނުދިނުމަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގާއި ޚިލާފް ކަމަކަށް ވާނެ ކަމަށާއި ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

ފޯނު ހުޅުވައިދޭން މީހުންގެ މައްޗަށް އަމުރު ކުރެވޭނެ ކަމަށް ބުނާ އެއްވެސް ގާނޫނެއް ނެތް ކަމަށާއި ގާނޫނެއް ނެތީސް އެފަދަ މުހިންމު ހައްގެއް ހަނި ނުކުރެވޭނެ ކަމަށް ޒާހިރު ވިދާޅުވި އެވެ. އަދި ކޯޓުތަކަށް ވެސް އަމުރު ނެރެވޭނީ ގާނޫނީ ބާރެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޯޓުން އަންގަންވީ މީހެއްގެ ފޯނެއް ހުޅުވާށޭ. އޭރުން ފުލުހުން އެ ފޯނު ހުޅުވާނެ ގޮތަކަށް ހުޅުވަންވީ،" ޒާހިރު ވިދާޅުވި އެވެ.

ރިޔާޒްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ބަލާއިރު ވެސް، ފޯނު ހުޅުވައިދޭން ރިޔާޒްގެ މައްޗަށް އަމުރު ކޮށްފައި ނެތް ކަމަށާއި އެކަން ފުލުހުންނަށް އެންގުމުން، އެކަމަށް ޚާއްސަ އަމުރެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރި ކަމަށެވެ. އަދި ހަނުހުރުމުގެ މާނައިގެ ތެރޭގައި ހިމެނޭ ކަމެއް ކުރުމަކީ ފުލުހުންނަށް ހުރަސް އެޅުން ކަމަށް ނުބެލެވޭނެ ކަމަށާއި އެގޮތަށް ކުރިން ސިވިލް ކޯޓުން ނިންމާފައިވާ މައްސަލައެއް އޭގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަ ކުރެއްވި އެވެ.

ދައުލަތުން ވެސް ވަނީ، ފޯނު ހުޅުވަން އެންގުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް ބުނާ އެއްވެސް ގާނޫނެއް ނެތް ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އާންމު އުސޫލުން އެކަން ކުރަމުން އައީ އެގޮތަށް ކަމަށާއި ގާނޫނެއް ނެތަސް، ފޯނު ހުޅުވައިދޭން ކޯޓުން އަންގައިފި ނަމަ އެކަން ކުރަން ލާޒިމްވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ރިޔާޒްގެ ފޯނު ހުޅުވަައިދޭން ކޯޓު އަމުރުގައި ބުނެފައި ނެތް ކަމަށް ދިފާއީ ވަކީލުން ބުނި ބުނުމަށް ރައްދުދީ، ދައުލަތުން ބުނީ ސީދާ އެގޮތަށް އަމުރުގައި ބުނެފައި ނެތަސް އެ އަމުރުގެ އިބާރާތަށް ބަލާއިރު އެކަން ކުރަން ލާޒިމްވާކަން އެނގޭ ކަމަށެވެ.

ދައުލަތުން ވެސް ވަނީ، ފޯނު ހުޅުވަން އެންގުމުގެ ބާރު ކޯޓުތަކަށް ލިބިގެންވާ ކަމަށް ބުނާ އެއްވެސް ގާނޫނެއް ނެތް ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އާންމު އުސޫލުން އެކަން ކުރަމުން އައީ އެގޮތަށް ކަމަށާއި ގާނޫނެއް ނެތަސް، ފޯނު ހުޅުވައިދޭން ކޯޓުން އަންގައިފި ނަމަ އެކަން ކުރަން ލާޒިމްވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން ގާޒީ އަހުމަދު ޝަކީލް ވަނީ، އެ އަމުރުގެ ދަށުން ރިޔާޒްގެ ހުޅުވައިދޭން އޭނާ އަށް ލާޒިމްވާނެ ކަމަށް ދައުލަތުން ދެކޭ ނަމަ އެކަމަށް އިތުރު އަމުރެއް ހޯދަން ކޯޓަށް ހުށަހެޅީ ކީއްވެގެން ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ދައުލަތުން ބުނީ އިތުރު އަމުރެއް ހޯދަން އެދުމަކީ ކުރިން ލިބުނު އަމުރުގެ ދަށުން އެ ފޯނު ހުޅުވަން ރިޔާޒަށް ލާޒިމް ނުވާނެ ކަމަށް ދައުލަތުން ދެކޭ ދެކުމެއް ނޫން ކަމަށެވެ.

ފޯނު ހުޅުވައި ނުދިނުމަކީ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރިޔާޒްގެ ފަރާތުން ބުނެފައިވާތީ އެކަމަށް ރައްދުދީ، ދައުލަތުން ބުނީ ހަނު ހުރުމުގެ ހައްގު ލިބިގެންވާ ކަން ރިޔާޒަށް އެންގުމުން އޭނާ އެ ފުރުސަތު ދޫކޮށްލީ ކަމަށާއި ތަހުގީގު ވަކި މަރުހަލާއަކުން ހަނު ނުހުރެވޭނެ ކަމަށެވެ.

ރައްދުގައި ރިޔާޒްގެ ވަކީލުން ވިދާޅުވީ ހަނު ހުރުމުގެ ހައްގަކީ ތުހުމަތު ކުރެވޭ މީހާ ބޭނުން ކޮންމެ ވަގުތަކު ވެސް ބޭނުން ކުރެވޭނެ ހައްގެއް ކަމަށެވެ.

ދިފާއީ ވަކީލުން ވަނީ އެ ފޯނު ފުލުހުން އަތުލުމަށް ފަހު، ފުލުހުންގެ ތެރޭގައި އޮންނަ އިޖްރައާތުތަކާ ޚިލާފަށް އަމަލުކޮށް، އެ ފޯނު ފުލުހުން އަމިއްލަ އަށް ހުޅުވަން މަސައްކަތް ކުރި ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނެފަ އެވެ. އެ ފޯނު އަތުލިފަހުން ޗެއިން އޮފް ކަސްޓަޑީ އުސޫލާ (ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ހެކިތައް ނަގުލު ކުރެވޭ އަދި އަމަލު ކުރެވެމުންދާ ގޮތް) ޚިލާފަށް އަމަލުކޮށްފައިވާ ކަމަށް ރިޔާޒްގެ ވަކީލުން ބުންޏެވެ.

ދައުލަތުން ބުނީ އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ ނަމަ، ހެކިން ހާޒިރު ކުރުމުން އެކަން ސާފުވާނެ ކަމަށެވެ. ދައުލަތުން ވަނީ ރިޔާޒާ ދެކޮޅަށް ހަތަރު ފުލުހަކު ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ. އަދި ފޮރެންސިކް ރިޕޯޓަކާއި ފޯނު އަތުލަން ކޯޓުން ނެރުނު އަމުރު ވެސް ހެކީގެ ގޮތުގައި ދައުލަތުން ހުށަހެޅި އެވެ.

ރިޔާޒްގެ ފަރާތުން ހުށަހެޅީ ފޯނުތަކެއް ހުޅުވަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުތަކެކެވެ. ބޭނުމަކީ ފޯނު ހުޅުވަން ކޯޓުން ނެރޭ އަމުރުތަކާއި ރިޔާޒްގެ މައްސަލާގައި ނެރުނު އަމުރު ތަފާތު ކަން ސާބިތުކޮށް ދިނުން ކަމަށް ރިޔާޒްގެ ވަކީލުން ބުންޏެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ބުދަ ދުވަހު ބާއްވާއިރު އެ އަޑުއެހުމުގައި ހެކިންގެ ހެކިބަސް ނަގާނެ އެވެ. ޝަރީއަތް ފެށިފަހުން މިދިޔަ ހަފުތާގައި ރިޔާޒް ވަނީ އެ ފޯނު ފުލުހުންނަށް ހުޅުވައިދީފަ އެވެ.