ވަގުތު މަދުކުރީ ހަމައެކަނި ދެ ބިލާއި ގަރާރަށް ބަހުސް ކުރަން: އާންމު ކޮމެޓީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން ބަހުސް ކުރަން އެއް ގަޑިއިރު ކަނޑައެޅީ މަޖިލީހަށް ހުށަހެޅި ދެ ގާނޫނަކަށް އިސްލާހު ގެނައުމުގެ ބިލަށާއި ގަރާރަކަށް ބަހުސް ކުރަން އެކަނި ކަމަށް އާންމު ކޮމެޓީގެ މުގައްރިރު އަހުމަދު އާމިރު އިއްޔެ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީން ބުނީ ރޯދަ މަހު މަޖިލީހުގެ ޖަލްސާތަކުގައި ބަހުސްކުރާ ގަޑި، އެއް ގަޑިއިރަށް މަދުކޮށް އެމްޑީޕީ އަށް 14 މިނެޓް ލިބޭ ގޮތަށް ހަމަޖެއްސީ އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލަން ކަމަށެވެ. އަދި ރޯދަ ނިމުމުން ވެސް އެގޮތަށް އަމަލުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެ ޕާޓީން ބުންޏެވެ.

ނަމަވެސް އާމިރު ވަނީ އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ވަކިވަކި ބިލުތަކަށް ބަހުސް ކުރާނެ ވަގުތުތައް މީގެ ކުރިން ވެސް ކޮމެޓީން ކަނޑައަޅާފައިވެ އެވެ.

އާންމުކޮށް މަޖިލީހަށް ހުށަހެޅޭ ކަންކަމުގައި ބަހުސް ކުރަނީ ތިން ގަޑިއިރަށެވެ. އަދި މަޖިލީހުގައި ބަހުސް ކުރަން ޕާޓީތަކަށް ވަގުތު ކަނޑައަޅަނީ އެ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައިގެންނެވެ.

އާމިރު ވިދާޅުވި ގޮތުގައި ޖަލްސާތަކުގައި ބަހުސް ކުރުމަށް އެއް ގަޑިއިރު ކަނޑައެޅީ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށާއި ސިވިލް ސާވިސް ގާނޫނަށް ހުށަހެޅި އިސްލާހަށާއި ބޯހިޔާވަހިކަމުން ރައްޔިތުން "މަހްރޫމް" ކުރާ ކަމަށް ބުނެ ހުށަހެޅި ގަރާރަށް އެކަންޏެވެ. މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ ދެ ބިލަށް އިސްލާހު ގެނައުމަށާއި ގަރާރަށް ބަހުސްކޮށް ނިންމާލައިފަ އެވެ.

"އެމްޑީޕީން ކަނޑައެޅިގެން ހަދަނީ ދޮގު، ދެ ބިލާއި ގަރާރަށް ބަހުސް ކުރަން އެކަނި ވަގުތު ކަނޑައެޅީ، އެހެންވީމަ ދެން ހުށަހެޅޭ ކަންކަމުގައި ތިން ގަޑިއިރަށް ބަހުސް ކުރާނީ ވަކި ގޮތެއް ނުނިންމާ ހިނދު،" އާމިރު ވިދާޅުވި އެވެ.

އެމްޑީއޭގެ މެމްބަރު ވިދާޅުވީ މަޖިލީހަށް ހުށަހެޅޭ ކަންކަމަށް ވަގުތު ކަނޑައެޅުމަކީ މަޖިލީހުގެ ރައީސަށް ވަކި ހަމަތަކެއްގެ މަތިން ލިބިދީފައި އޮންނަ ބާރެއް ކަމަށެވެ. އެގޮތުން އެއްވެސް ކަމަކަށް ބަދަލު ގެންނަ ނަމަ މަޖިލީހުގެ ރައީސް ދެކޭ ގޮތް އާންމު ކޮމިޓީއަށް ހުށަހަޅުމުގެ ބާރު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީއަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ލިބޭ ވަގުތު މަދު ކަމަށް ބުނެ އެ ޕާޓީން ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވުމުގެ އިތުރުން އައިޕީޔޫ އާއި ސީޕީޔޫގައި ކަންބޮޑުވުން ފާޅުކުރާނެ ކަމަށް ބުނެފަ އެވެ.