ޝަރީއަތް ނިމެންދެން ޒައިދު ބަންދުގައި ބަހައްޓަން އަމުރުކޮށްފި

ފަނޑިޔާރަކު ބްލެެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެކަމަކު އެހެން މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލްއަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.


މިދިޔަ ޖެނުއަރީ މަހު ހައްޔަރުކުރި ޒައިދު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ކީއްވެގެންކަމެއް ނޭނގެ އެވެ. ޝަރީއަތް ބޭއްވީ ސިއްރުކޮށްގެން ކަމަށް ވާތީ ނޫސްވެރިންނަކަށް ވެސް ނުވަދެ އެވެ.

ޒައިދުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގަން ދަތި ކުރުމުގެ ދައުވާ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ގާތް ގުޅުމެއް އޮންނަ ޒައިދު ޝަރީއަތް ނިމެންދެން ޖަލު ބަންދަށް ބަދަލު ކުރަން އަމުރުކުރީ އޭނާ ގޭ ބަންދުގައި ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު އެވެ.