ފެންފުށީގައި ނަރުދަމާގެ ނިޒާމު ގާއިމުކުރަން 2.2 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށްފި

އދ. ފެންފުށީގައި ނަރުދަމާގެ ނިޒާމް ގާއިމު ކުރުމަށް 2.2 މިލިއަން ޑޮލަރަށް (34 މިލިއަން ރުފިޔާ) އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ލަކީ އެކްސްޕޯޓާ މިއަދު ހަވާލުކޮށްފި އެވެ.


ފެންފުށީގައި ސްޓެލްކޯ އިން ގާއިމު ކުރާ ނަރުދަމާގެ ނިޒާމް އެޅުމުގެ އެއްބަސްވުމުގައި އެ ތަނުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުއްޝުކޫރު އެވެ. ލަކީ އެކްސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ލިނޭ ސިން އެވެ.

ފެންފުށީގައި ބޭއްވި ރަސްމިއްޔާތުގައި ޝުކޫރު ވިދާޅުވީ އެ ރަށުގައި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއަކީ ސްޓެލްކޯ އިން އިންވެސްޓްކުރާ ޕްރޮޖެކްޓެއް ކަމަށެވެ. މިއީ ސްޓެލްކޯ އިން ނަރުދަމާ ނިޒާމު ޑިޒައިންކޮށްގެން ގާއިމު ކުރާ ފުރަތަމަ ޕްރޮޖެކްޓް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ރައްޔިތުންނަށް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ހިދުމަތްތައް ފުރިހަމަކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެންފުށީގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރަން ލަކީ އެކްސްޕޯޓާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސްޓެލްކޯ އިން ކަރަންޓު ދޭ ބައެއް ރަށްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތްތައް ދެ އެވެ. އޭގެ ތެރޭގައި އދ. މަހިބަދޫ އަށް ފެނުގެ ހިދުމަތް ދޭއިރު، އއ. ތޮއްޑޫ އަށް ހިދުމަތްދެ އެވެ.